ސެޕްޓެމްބަރ 21, 2024

ފާފައެއް ކުރެވުމަކީ ދީނަށް ހިދުމަތްކުރުމަށް ހުރި އުޒުރެއް ނޫން، ރެކެން އޮތް ބަހަނާއެއްވެސް ނޫން!

ފާފައެއް ކުރެވުމަކީ ދީނަށް ލޯބިކުރުމާއި ދީނަށް ހިދުމަތްކުރުމާއި ދީނަށް ނަސްރުދިނުމާއި ދީނަށް ޣީރަތްތެރިވުމަށް ހުރަސްއެޅޭ ސަބަބެއް ނޫން ކަމަށާއި އެ ކަން އެ މަގުން ހިނގާ ނަމަ، ދީނަށް ނަސްރުދޭނޭ ބަޔަކު ނެތް ތަނުގައި ދީން ގާއިމުވެ ނުވެސް އޮންނާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

”ދީނަށް ޓަކައި ހިދުމަތްކުރުން“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވަނީ ފާފަތަކަށް އަރައިގަތުމާ މެދު ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ދުނިޔޭގެ ހަޔާތަކީ ކުޑަ ދުވަސްކޮޅެއްކަމުން ހޭވެރިވުމަށް ގޮވާލައިފަ އެވެ. އަދި ހަވާނަފުސު ކޮންޓުރޯލުކޮށް، އޭގެ މައްޗަށް ބާރު ފޯރުވައިފި މީހަކީ ހިތްވަރުގަދަ ފަހުލަވާނެއް ކަމަށް ބުންޏެވެ.

ހުތުބާގައި އިތުރަށް ވަނީ ތިބާއަށް ޖެހިފައިވާ މުސީބާތުގެ މައްޗަށް ދެރަވެ ރޮއި އުޅުމަށާއި އުމުރު ފަނާވުމަށް ފަހު، އިޔާދަނުވާނެކަން ދަނެ، ވަގުތު ފާއިތުވުމުގެ ކުރީން އަމަލުތައް އިސްލާހު ކުރުމަށްވެސް ގޮވާލައިފަ އެވެ.

ހުތުބާގައި ބުނީ، އިންސާނުންނަކީ، ކުށަށް ހުށަހެޅިފައިވާ ބައެއް ކަމަށާއި ތިބާ ތިޔަ ދެކޭ ހުރިހާ ސޯލިހު އަޅުންނަކީ، ފާފަ ކުރެވޭ މީހުން ކަމަށެވެ. ނަމަވެސް އިހުލާސްތެރިކަމާއެކު ފާފަފުއްސެވުމަށް އެދި ﷲގެ ހަޒުރަތުގައި ދެންނެވުމުން ފާފަފުއްސަވާނެ ކަމަށް ބުންޏެވެ.

އިސްލާމް ދީން ވަނީ ފުރިހަމަވެފައި ކަމަށާއި މި ދީނުގައި ކަތިކަމެއް، ގުދުކަމެއް ނެތްކަން ފާހަގަކޮށް ހުތުބާގައި ބުނީ، މިއީ الله تَعَالَىގެ ޒާތުފުޅަށް ނިސްބަތްވެގެންވާ އެކަލާނގެ ދީން ކަމަށާއި މި ދީނަށް ތަބައަވާ މީހުންނަކީ މީސްތަކުން ކުރެ އެންމެ ހެޔޮ މީހުން ކަމަށެވެ. އަދި މިއީ ދީނެއްގެ ގޮތުގައި ﷲ ރުހިވޮޑިގެންފައިވާ ހަމައެކަނި ދީން ކަމަށާއި މި ދީނާ ހަމައިން ދެ ދުނިޔޭގެ ނިއުމަތް ފުރިހަމަ ކުރައްވާފައިވާ ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ، މި ދީނަށް ތަބައަވެގެން މެނުވީ ނަޖާވާނެ މަގެއް، މުކައްލަފަކަށް ނުވާ ކަމަށާއި މި ދީނަށް އީމާންވެއްޖެ މީހާއަށް ތެދުމަގު ލިބި، ކާމިޔާބުވެއްޖެ ކަމަށެވެ. ނަމަވެސް މި ދީން ދޫކޮށް، އެހެން ދީނެއް ހިފައިފި މީހާގެ ކިބައިން الله تَعَالَى ފަރްޟެއް، ސުންނަތެއް އަދި އެހެން ވެސް އަމަލެއް ގަބޫލެއް ނުކުރައްވާނެ ކަމަށް ބުންޏެވެ.

އިސްލާމް ދީން އިއްޔެ، ބިނާކުރި އުންމަތަކީ، އޭގެ ކުރީން ނިކަމެތި ބަލިކަށި ބައެއް ނަމަވެސް ﷲގެ ފަޟްލުވަންތަވެރިކަމުން އެ އުންމަތް ވީ އެންމެ މާތް އުންމަތަށްކަން ފާހަގަކޮށް ހުތުބާގައި ބުނީ، މި ދީން ވެގެން ދިޔައީ މަގުގެއްލިފައިވާ މީހުންނަށް ހުރި މަގުބައްތިއަކަށް ކަމަށާއި އަހަރެމެންގެ މަންހަޖަކީ އިސްލާމް ދީންކަމުގައި ހަދައިފި ނަމަ، ނަންހުރި މޮޅު ބަޔަކު ތަރުބިޔަތު ކުރެވޭނެ ކަމަށެވެ. އަދި ސުވަރުގެ ލިބުމަށް ޓަކައި، ޝަހީދުވާން ކެރޭ ޖީލެއް ބިނާކުރެވޭނެ ކަމަށާއި އެ މައިދާނުން ޝަހީދުނުވެ އެނބުރި ގެއަށް ރުޖޫއަވެވިއްޖެ ނަމަ އެއީ ޝަރަފުވެރިކަމާ އެކު ގެދޮރު ހިމާޔަތްކުރާނޭ ބަޔެއްގެ ގޮތުގައި ވާނެ ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ، ﷲއަށް ކިޔަމަންގަތުމުގައި، އަހުރެމެންގެ ކިބައިގައި ހުރި ފަރުވާކުޑަކަމާއި ކުރެވޭ ކުށްތަކަކީ ދީނަށް ހިދުމަތްކުރުމަށް ހުރި އުޒުރެއް ނޫން ކަމަށާއި މި ބޮޑު މަސްއޫލިއްޔަތުން ރެކެން އޮތް ބަހަނާއެއްވެސް ނޫން ކަމަށެވެ. އަދި މުސްލިމުންގެ ވާޖިބަކީ މި ދީނަށް ހިދުމަތްކުރުން ކަމަށާއި އެއީ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ، އަހުރެމެން މި ތިބީ ގުޅިގެން މަސައްކަތްކުރާން ޖެހިފައިވާ ޒަމާނަކަށް އާދެވިފައި ކަމަށާއި މިއަދު މުސްލިމުންގެ ލެއަކީ މާސިންގާ ކަނޑުގައި ހުރި ލޮނަށް ވުރެ އަގުހެޔޮ އެއްޗެއް ކަމަށެވެ. އަދި ނުހަނު އިހާނެތިކަމާ އެކު މުސްލިމުންގެ ގައުމުތައް ސުންނާފަތިކުރަމުން، އެ ދައުލަތްތަކުގެ މައްޗަށް ވެރިވެގަންނަމުން ދާއިރު، މުސްލިމުންގެ މެދުގައި އޮންނަ އެއްހަށިގަނޑެއްގެ ރޫހު މިއަދު ކޮބައިތޯ ހުތުބާގައި ސުވާލުކުރި އެވެ.

ހުތުބާގައި ބުނީ، އަހަރެމެން އެންމެން މި ދީނާއިގެން ނުތެދުވެއްޖެ ނަމަ، ”އެކަމުގެ ސަބަބުން، އުޑުތައް ފަޅަފަޅައިގެން ގޮސް، ބިންގަނޑު އިރައިރައިގެން ގޮސް، ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެން ދިއުން ކައިރިވެއްޖެ ކަމަށެވެ. އަދި ތިބާ ދީނަށްޓަކައި ހިދުމަތްކޮށްފި ނަމަ ތިބާގެ މުޅި ހަޔާތް އުފާވެރިވެ، ޝަހީދެއްގެ ގޮތުގައި ތިބާގެ ނިމުން ލައްވައި، ތިބާގެ ވެރި ރަސްކަލާނގެއާ ތިބާ ބައްދަލުކުރާނީ އެކަލާނގެ ތިބާ ދެކެ ރުހިވޮޑިގެންވާ ހާލުގައި ކަމަށް ބުންޏެވެ.

”ތިބާ اللَّهއަށް މާތްކޮށް ހިތާށެވެ! اللَّه تَعَالَىގެ ގަދަފަދަ ވައުފަށުގައި ހިފާށެވެ! ފަރުޟު ފަސްނަމާދަށް ރައްކައުތެރިވާށެވެ! ސުންނަތް އަޅުކަންތައް ކުރާށެވެ! ހޯމަ ބުރާސްފަތި އަދި މެދުފޮއި ރޯދަހިފާށެވެ! ތިބާގެ މަންމައަށް ހެޔޮކޮށްހިތާށެވެ! ބައްޕައަށް ކިޔަމަންގަންނާށެވެ! ކީރިތި ގުރުއާން ކިޔަވާށެވެ! ގުރުއާނުން މިންވަރެއް ހިތުދަސްކުރެވޭތޯ ބަލާށެވެ! ފައިދާހުރި ދީނީ ދަރުސްތައް އަޑުއަހާށެވެ! ހެޔޮލަފާ މީހުންނާ އެކުވެރިކަން ބާއްވާށެވެ! ފާސިގުން ދޫކޮށްލާށެވެ! ރޭއަޅުކަންކުރާށެވެ! ދޫރައްކައުތެރި ކުރާށެވެ! ބަސްމަދުކުރާށެވެ! ޖަދަލުކުރުން ދޫކޮށްލައި، ހެޔޮބަސް ބުނާށެވެ! އަޑު މަޑުކުރާށެވެ! ހައްގުބަސް އިއްވާށެވެ! ކުޑަކުދީންނަށް އޯގާވެރިވެ، ދުވަސްވީ މީހުންނަށް އިހުތިރާމުކުރާށެވެ! އަބުރު ރައްކާތެރިކުރާށެވެ! ފާހިޝުކަންތަކާ ދުރުހެލިވާށެވެ! މެހުމާނުންނަށް ކަމޭހިތާށެވެ! ރަހިމުގެ ގުޅުން ދަމަހައްޓާށެވެ! ބަލިމީހުންނަށް ޒިޔާރަތްކުރާށެވެ! ފަގީރުންނާއި މިސްކީނުންނަށް އެހީވާށެވެ! ޒަކާތް ނެރެ، ސަދަގާތް ދީއުޅޭށެވެ! މަގުގެއްލިފައިވާ މީހުންނަށް އިރުޝާދުދޭށެވެ! އެކުވެރީންނަށް ނަސޭހަތްދޭށެވެ!“ ދީނަށް ހިދުމަތް ކުރުމުގައި ކުރަންވީ ކަންކަން ފާހަގަކޮށް ހުތުބާގައި ބުންޏެވެ.