ސެޕްޓެމްބަރ 21, 2024

ސައިކަލަށް ހާއްސަ ލޭނެއް ނެތިގެން އެކަމާ ކޯފާވެ ބުރިޖު ނުހުޅުވާނެމޭ ޔާމީން ވިދާޅުވި: ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވެ ވަޑައިގެންނެވި ގޮތަށް ސިނަމާލެ ބުރިޖުގައި ސައިކަލަށް ހާއްސަ ލޭނެއް ނެތުމުން ބުރިޖު ނުހުޅުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށް އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

”ސަންގު ޓީވީ“ އަށް މިރޭ ދެއްވި ހާއްސަ އިންޓަވިއެއްގައި ރައީސް ވިދާޅުވީ ހައުސިން މިނިސްޓްރީން ބުރިޖުގެ ކަންކަމާ ހަވާލުވީ 2014ގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރުގައި ކަމަށާއި އޭރުން ފެށިގެން ބުރިޖުގެ ހުރިހާ މަސައްކަތެއް ކުރީ ހައުސިން މިނިސްޓްރީގެ ދަށުން ކަމަށެވެ. ނަމަވެސް އެ ތާރީހުގެ ކުރިން ބުރިޖާ ގުޅޭ ގޮތުން ހިނގައިދިޔަ އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

”މަޝްރޫއު ނިމެން ގާތްގަނޑަކަށް މަހަކަށް ކައިރިވެފައި އޮތްވައި ރައީސް ޔާމީން، އޭރު އޮންނާނެ ބުރިޖު ކޮމިޓީއެއް ހައްދަވާފައި އެ މަނިކުފާނު. އަޅުގަނޑުމެން ކޮމިޓީއަށް ގެންދަވާފައި ވިދާޅުވީ ސައިކަލެއް ވަކި ލޭނެއް މީ ފިޒިކަލީ ވަކިކޮށް ލޭނެއް އޮންނަން ޖެހޭނެ ކަމެއް. ދެން އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ ކަމަކަށްވި ވަކި ލޭނެއް އެގޮތަށް ކަނޑައަޅަން،“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ޔާމީން ކަމަކަށް އެންގެވުމުން އެކަމެއް ކުރެއްވޭތޯ މަސައްކަތް ކުރެއްވި ކަމަށާއި އެގޮތުން ބުރިޖުގެ ޕެޑިސްޓްރިއަން ލޭން ނުވަތަ ބައިސްކަލް ލޭނަށް ސައިކަލެއް އަރުވައިގެން ދުއްވޭތޯ ބެއްލެވި ކަމަށެވެ. ނަމަވެސް އެ ލޭނު އެހާވަރަށް ފުޅާނުވުމުގެ ސަބަބުން އެކަން ކާމިޔާބު ނުވި ކަމަށް ވިދާޅުވި އެވެ.

”މިހެން އޮތްވައި އެއް ދުވަހަކު އަޅުގަނޑު ހަނދާންވޭ ހުކުރު ދުވަހެއް އެއީ. ހުކުރު ދުވަހެއްގެ މެންދުރުފަހު މަޖިލިސް ރައީސް އެ ވިދާޅުވި ފަދައިން ސަކީނާ މަންޒިލުގެ އެއިރު ޕާޓީ އޮފީސް ހުންނާނީ. އަޅުގަނޑުމެން އެންމެނަށް ވިދާޅުވެއްޖެ ވަޑައިގަންނަވަން. ދެން އަޅުގަނޑުމެން ދިޔައިމަ، މިނިސްޓާސް، އެމްޕީސް ޕާޓީގެ އިސްވެރިން ވަރަށް ބައިވަރު 40 އަށްވުރެ ގިނަ މީހުން ތިބޭނެ އެތާ. ދެން ވިދާޅުވީ އެތާ އެންމެން ހާޒިރުގައި މި ބުރިޖު ނުހުޅެވޭނޭ. މީގައި ސައިކަލަށް ވަކި ލޭނެއް ނެތޭ. ފިޒިކަލީ ވަކިން ބެރިއާ ކޮށްފަ ލޭނެއް އޮންނަން ބޭނުންވެޔޭ އެހެން ނޫނީ އެކްސިޑެންޓްސްތައް ވާނޭ،“ ރައީސް ވިދާޅުވި އެވެ.

”އަޅުގަނޑު ރައީސް ގެއަށް ވަޑައިގަތީމަ އަނެއްކާވެސް އަޅުގަނޑު ފޯނު ކޮށްފިން. ފޯނު ކޮށްފަ އަޅުގަނޑު ދެންނެވީ މިހާ ލަސްވެފަ، އޭރު ހަފުތާއަކަވެފައި އޮތީ ހުޅުވަން، ހަފުތާއެއް އޮތީ ހުޅުވަން، އަޅުގަނޑު އެދެމޭ އަދިވެސް ރީކޮންސިޑާ ކޮށްދެއްވަން. ބުރިޖު ނުހުޅުވާފިއްޔާ ދެ ގައުމުގެ ގުޅުމަށްވެސް މީގެ ވަރަށް އަސަރު ކުރާނެ ނޫންހެއްޔޭ. އަޅުގަނޑު މި އޮތީ ހަމަގައިމުވެސް ހުރިހާ ގޮތަކުން ޓްރައި ކޮށްފައޭ، ރައީސް ވިދާޅުވި އެ ހިސާބުން މީގައި ވަކި ލޭނެއް ކަނޑައަޅަން، ފިޒިކަލީ ބެރިއާޑް ވަކި ލޭނެއް ކަނޑައަޅަން. އޭގެ ކުރިން އެއްވެސް އިރަކު އެ ވާހަކަ ނުދައްކާ އޮވެފައި އެހެން ދިޔައިމަ ދެއްތޯ އަޅުގަނޑުމެންނަށް މިވީ ދެން. ދެން ވިދާޅުވެއްޖެ އާނ، އެންމެ ރަނގަޅޭ ދެން މިހާރު ތި އޮތް ގޮތަށް ކުރިއަށް ގެންދާށޭ މައްސަލައެއް ނެތޭ،“ރައީސް ވިދާޅުވި އެވެ.