ހުޅުމާލޭގެ ފޭސް 2ގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓަށް ފަހު، އެ އެކްސިޑެންޓު ހިނގަން މެދުވެރިވި ސްޕޯޓްސް ކާރު ދުއްވި މީހާ ހައްޔަރުކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ވަކީލެއްގެ އެހީތެރިކަން ނުލިބޭ ގޮތަށް ކަމަށް ވާތީ ކުރިމިނަލް ކޯޓުގެ އަމުރު ބާތިލު ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިދިޔަ ޖުލައި މަހުގެ 31 ގައި އެ އެކްސިޑެންޓް ހިނގީ ވިނަރެސް ކައިރިން ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.
ކާރު އެކްސިޑެންޓް ވުމުން، ކާރު ދުއްވަން އިން، އިބްރާހިމް އިކްރާމް ވަނީ ފިލައިފަ އެވެ. އޭނާ ހައްޔަރުކުރީ އެ ދުވަހުގެ ރޭގަނޑު އެވެ. އަދި ބަންދު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރި އެވެ.
ނަމަވެސް އެ އަމުރު އިކްރާމްގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އިސްތިއުނާފުގައި އިކްރާމް ބުނެފައިވަނީ އޭނާ ވަކީލަކު އައްޔަންކޮށްފައި ވަނިކޮށް ކޯޓަށް ހާޒިރުކުރީ ވަކީލަށް ހާޒިރުވާނެ ފުރުސަތު ނުލިބޭ ގޮތަށް ކަމަށެވެ.
ހައި ކޯޓުން މިއަދު ވަނީ އެ މައްސަލައިގެ ހުކުމް އިއްވައިފަ އެވެ. ފަނޑިޔާރު މުހައްމަދު ފައިސަލް އެ މައްސަލައިގެ ރައުޔު އިއްވަމުން ވިދާޅުވީ އިކްރާމް ހައްޔަރުކުރަން ފުލުހުން ކޯޓު އަމުރަކަށް އެދުނީ 6:44 ގައި ކަމަށާއި ވަކީލު އައްޔަންވުމަށް އެދި ފޯމު ހުށަހަޅާފައިވަނީ 7:23 ގައި ކަމަށެވެ. އަދި މުވައްކިލުންގެ ފަރާތުން 8:28 ގައި ވަކީލަށް ރުހުން ދިންއިރު ފުލުހުންގެ އިދާރާއިން 9:52 ގައި ވަކީލު އައްޔަންކުރި ކަމަށްވެސް ވިދާޅުވި އެވެ.
ނަމަވެސް ވަކީލު އައްޔަންކުރިކަން ވަކީލަށް އެންގީ 10:06 ގައި ކަމަށާއި 10:00 ގައި ތުހުމަތުކުރެވޭ ފަރާތް ކޯޓަށް ހާޒިރުކޮށް 10:04 ގައި ޝަރީއަތް ފެށި ކަމަށްވެސް ފަނޑިޔާރު ފައިސަލް ވިދާޅުވި އެވެ.
ފަނޑިޔާރު ވިދާޅުވީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ އަދި ބަންދުކުރާ މީހުންނަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިރު، އެއީ ކޮންމެ މީހަކަށް ލިބިގެންވާ ހައްގެއް ކަމަށެވެ. ނަމަވެސް ފުލުހުން އަމަލުކުރި ގޮތުގެ ސަބަބުން އިކްރާމަށް ލިބިގެންވާ އެ ހައްގު ގެއްލިފައިވާ ކަމަށް ވިދާޅުވި އެވެ.
”މި މައްސަލައިގައި އައްވަލަށްވެސް ތުހުމަތުކުރެވޭ ފަރާތް ބަންދާމެދު ގޮތެއް ނިންމި މަޖިލީހުގައި އެ ފަރާތް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އޭނާއަށް ލިބިގެންވާ އަސާސީ ހައްގެއް ކަމަށްވާ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދިނުމުގެ ހައްގަށް އެދިފައިވަނިކޮށް އިދާރީ އިންތިޒާމުތައް ރޭވިފައިވާ ގޮތުން އޭނާއަށް އެ ހައްގު ތަންފީޒު ކުރުމަށް ފުރުސަތު ނުލިބިއެވެ“ ފަނޑިޔާރު ފައިސަލް ވިދާޅުވި އެވެ.
”ކުރިމިނަލް ކޯޓުގެ މުއްދަތުގެ މަޖިލިސް ރިކޯޑިން މި ކޯޓުން ހޯދައި، މުއްދަތު މަޖިލީހުގައި ވަކީލުގެ ހައްގާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައިވޭތޯ ބެލިއިރު އެފަދަ އެއްވެސް ކަމެއް އެ މަޖިލީހުގައި ފަނޑިޔާރުގެ ފަރާތުންވެސް އަދި މަޖިލީހުގައި ބައިވެރިވި އެހެން ފަރާތަކުންވެސް ފާހަގަކޮށްފައިނުވެއެވެ“
އެކަންކަން އެހެން ހުރުމުން މި މައްސަލައިގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތުގެ ނަތީޖާއަކީ ވަކީލަކާއެކު ބަންދުގެ މަޖިލިސް ކުރިއަށް ގެންދިއުމުގެ ފުރުސަތު އިކުރާމަށް ގެއްލިގެން ދިއުން ކަމަށްވާތީ ފަނޑިޔާރު ފައިސަލް ވިދާޅުވީ ކުރިމިނަލް ކޯޓުގެ އަމުރު ބާތިލުކުރަންޖެހޭ ކަމަށެވެ.
އެ ރައުޔަށް ދެން ތިއްބެވި ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ތާއީދު ކުރެއްވުމުން އެ މައްސަލައިގައި ފަނޑިޔާރު ފައިސަލް ހުކުމް ކުރެއްވީ އިކްރާމް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކުރުމަށެވެ.
4 Comments
ގުޅުންހުރި
މާރާމާރީއެއް ހުއްޓުވަން އުޅުނު ފުލުހަކަށް ތޫނު އެއްްޗަކުން ހަމަލާ ދޭން އުޅެފި
ބްރިޖް ފެންސުގައި ޖެހުނު މީހާގެ އެއް ފައި އޮތީ ފަލަމަސްގަނޑާ ހިސާބުން
އެއާޕޯޓް ލައިޓް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ހާލު ސީރިއަސްވެ ފަރުވާ
މަސްދޯނިތަކުން 39 ބިދޭސީއަކު އަތުލައިގެންފި، ފިލަންވެގެން އެކަކު ފުންމާލީ މޫދަށް!
ލޯބިވެރިޔާގެ ބަރަހަނާ ފޮޓޯ އާންމުކުރާނެ ކަމަށް ބުނެ ބިރުދެއްކި ފުލުހަކު ހައްޔަރުކޮށްފި
މަންޑޭގެ މުދާތައް ޝަރީއަތް ނިމެންދެން ހިފަހައްޓަން އަމުރުކޮށްފި