މަރުވުމުގެ ކުރިން ތައުބާނުވާ ނަމަ الله ނުފުއްސަވާނެ ކަމަށް އަންގަވައިފައިވާ ޱކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ޝިރުކުކުރުމުން ދުރުހެލިވާށެވެ!“ މި މައުޟޫއަށް ދިން ހުކުރު ހުތުބާގައި ބުނީ، މާތް الله ހައްދަވައިފައިވާ މަހުލޫގުންކުރެ، އިންސާނާ ކުރާ އެންމެ ބޮޑު ފާފައަކީ އެ އިންސާނާ ހައްދަވައި ބޮޑުކުރައްވައި އޭނާއަށް ބޭނުންވާ އެންމެހައި ކަމެއް ފުރިހަމަ ކޮށްދެއްވި الله އަށް ޝަރީކު ކުރުން ނުވަތަ އެކަލާނގެއާ، އެކަލާނގެ މަހުލޫގުންނާ ހަމަހަމަކުރުން ނުވަތަ އަޅުކަމުގައި ބައިވެރިކުރުން ކަމަށެވެ.
އަދި الله އިންސާނުންގެ ގާތަށް ފޮނުއްވި އެންމެހައި ރަސޫލުން ވެސް ގޮވައިލައްވައިފައި ވަނީ އެކަލާނގެ އެއްކައުވަންތަކަން ގަބޫލުކުރުމަށާއި އެކަލާނގެއަށް ޝަރީކު ނުކުރުމަށް ކަމަށް ބުންޏެވެ. އެކަން ބަޔާންކުރައްވައި މާތް الله ވަހީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.
”ހަމަކަށަވަރުން الله، އެކަލާނގެއަށް ޝަރީކުކުރުންމަތީ މަރުވާ މީހާގެ ފާފަ ނުފުއްސަވާނެތެވެ. އެ ނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، الله އަށް ޝަރީކުކުރާމީހާ (ދަންނާށެވެ!) ފަހެ، އެ މީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ.“
ހުތުބާގައި ބުނީ، ކުރާ ހެޔޮ އަމަލުތައް ގަބޫލުކުރެއްވުމުގައި ދެ ޝަރުތެއް ފުރިހަމަވާންޖެހޭ ކަމަށާއި އެ ދެ ޝަރުތު ފުރިހަމަނުވާކަމުގައި ވަނީ ނަމަ އެ އަމަލެއް ގަބޫލު ނުކުރެއްވޭނެ ކަމަށެވެ. އެގޮތުން ފުރަތަމަ ޝަރުތަކީ، މާތް ﷲ އަށް އިހުލާސްތެރިވުން ކަމަށާއި އެކަމުގައި އެއްވެސް ކަހަލަ ކަންދެއްކުމެއް އަމިއްލަ އެދުމެއް ނެތުން ކަމަށާއި ދެވަނަ ޝަރުތަކީ އެ ކަމަކީ ޝަރުއީ ދަލީލަކުން ސާބިތުވާ ކަމަކަށްވުން ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، މީހަކު ކުރާ އަމަލެއްގައި ޝަރީކުކުރުމާއި ކަންދެއްކުމާއި އަދި އެ ނޫންވެސް އެފަދަ އެހެން ކަންތައްވާ ނަމަ އެ އަމަލެއް الله ގަބޫލުނުކުރައްވާނޭކަން ބަޔާންކުރައްވާ ކަމަށެވެ. އަދި މުސްލިމުން ކަންތައްކުރަންވާ ގޮތް އިސްލާމް ދީނުގައިވަނީ ވަރަށް ފުރިހަމައަށް ބަޔާންކުރައްވައި އަންގަވައިފައިވާއިރު މުސްލިމުން އެކި ފަރާތްތައް މާތްކުރާން ވާނީ މާތްވެގެންވާ އިސްލާމް ދީނުގައި ހުއްދަކުރައްވައިފައިވާ މިންވަރަށް ކަމަށް ބުންޏެވެ.
އެގޮތުން ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ހަދީޘްތަކާ ހިލާފުވާ ގޮތަކަށް އެކި ފަރާތްތައް މާތްކުރުމަކީ ޝިރުކުކުރުމަށް މަގުފަހިވެދާނެ ކަމެއް ކަމަށާއި އެހެންކަމުން ހެޔޮ އަމަލު ކުރުމުގެ ނަމުގައި އެ ފަދަ ވިޔާނުދާ އަމަލުތަކަށް އަރައިނުގަތުމަށް ހުތުބާގައި ނަސޭހަތްތެރިވި އެވެ.




ގުޅުންހުރި
ދަރީން ނަމާދަށް އަހުލުވެރިކުރުވަން އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ވެސް ފާފަވެރިވާނެ އެވެ.
އެމީހަކު ބޭނުން މައުލޫއެއްގައި ބޭނުން ހުތުބާއެއް ކިޔާ ނަމަ، ހަމަނުޖެހުން އުފެދިދާނެ:
ބިރުވެރިކަމުގައި އާހިރަތް ދުވަހު އުޅޭނީ އަމިއްލަ ނަފުސާ މެދު ކަންބޮޑުވެގެން، ތައްޔާރުވޭ!:
ދުންޔަވީ އެދުންތަކުގައި މަޝްއޫލުވެ, ގާފިލުކަމުގެ ތެރޭގައި ހޭދަކުރާ ޒުވާނުން ދަނީ އިތުރުވަމުން:
ޓްރެފިކް ގަވާއިދުތަކަށް އަމަލުކުރުން ވާޖިބު، ދީނުގައި ގެއްލުންދިނުމެއް ނެތް: ހުތުބާ
މިއަދު ބައެއް ދިވެހީން ކަންނެތްވެއްޖެ، މަހަށް ފުރާނެ ދިވެހިން ނުލިބުމަކީ ހިތާމައެއް: