ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަން އޮފިސަރެއްގެ ނަމުގައި ވަދެ ބިދޭސީއެއްގެ އަތުން ފޯނާއި ފައިސާތަކެއް ފޭރުނު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، އިއްޔެ ރިޕޯޓްކުރި އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ގ. ބެރުގެ/ މުހައްމަދު ނަވީން (44އ) ކަމަށެވެ.
އޭނާ ހައްޔަރުކުރީ ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަން އޮފިސަރެއްގެ ނަމުގައި ތިން މީހަކު ވަދެ، ބަންގްލަދޭޝް މީހެއްގެ އަތުން މޯބައިލް ފޯނަކާއި 9000ރ. ފޭރުނު މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ވިދާޅުވީ، އިމިގްރޭޝަންގެ ރެއިޑްތަކުގައި އޮފިސަރުންގެ އިމިގްރޭޝަން ފާސް ފެންނަ ގޮތަށް ހުންނާނެ ކަމަށާއި އަދި މިހާރުގެ އޮޕަރޭޝަންތަކަކީ ޔުނީފޯމް ލައިގެން ކުރިއަށް ގެންދާ އޮޕަރޭޝަންތަކެއް ކަމަށެވެ.



