ސެޕްޓެމްބަރ 21, 2024

މާލޭ ވިޔަފާރި ބަނދަރު މި ދައުރުގެ ތެރޭގައި ތިލަފުށިއަށް ބަދަލުކޮށް ނިންމާލެވޭނެ: ވަޖީހު

މި ދައުރުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރު، ތިލަފުށިއަށް ބަދަލުކޮށް ނިންމާލެވޭނެ ކަމަށް އެ ބަނދަރު ބަލަހައްޓާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް ހއ. ހޯރަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޖީހު ވިދާޅުވީ އެމްޕީއެލް ހިންގަމުންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށެވެ. އެހެންކަމުން މި ދައުރުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރު ތިލަފުށިއަށް ބަދަލުކޮށް ނިންމާލާނެ ކަމަށް ވަޖީހު ވިދާޅުވި އެވެ.

”އަޅުގަނޑުމެން ﷲ ގެ ވާގިފުޅާއެކު މާލޭ ކޮމާޝަލް ހާބަރުގެ އެއޮއް ބޮޑު މައްސަލަ ހައްލުކުރުމަށްޓަކައި މި ދައުރުގައި މާލޭ ކޮމާޝަލް ހާބަރު ތިލަފުއްޓަށް ބަދަލުކުރާނަން. ﷲގެ ވާގިފުޅާއެކު މަސައްކަތް ރޭވިފައިވާ ގޮތަށްދާނަމަ 2027 ވަނަ އަހަރު ނިންމާނީ މި ޕޯޓް ތިލަފުއްޓަށް ބަދަލުކޮށް ތިލަފުށީގައި މަސައްކަތް ކުރަމުން،“ ވަޖީހު ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ ދެން އޮންނަ ދެ ވިޔަފާރި ބަނދަރު ކަމަށްވާ ކުޅުދުއްފުށި ސިޓީ ޕޯޓާއި އައްޑޫ ސިޓީ ޕޯޓު ހިންގަމުންދަނީ ގެއްލުމުގައި ކަމަށެވެ. އައްޑޫ ސިޓީ ޕޯޓަކީ ފައިދާވާ ތަނަކަށް ހެދުމަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ވަޖީހު ވިދާޅުވި އެވެ. އެ ގޮތުން އައްޑޫގައި އިންޓަނޭޝަނަލް ސީފުޑް ހަބެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ވަޖީހު ވިދާޅުވި އެވެ.

”މި ވިސްނުން މިއައީ. ދުނިޔޭގެ މިކަމާބެހޭ ބޮޑު ޖަމިއްޔާއަކުން ކުރި ދިރާސާއަކުން ދައްކަނީ މި އޭޝިއާ ބައްރުގައިވެސް މި ހިސާބުގައިވެސް އިންޓަނޭޝަނަލް ފިޝް ހަބެއް ހިންގަން އެންމެ މުހިންމު އޭރިއާއަކީ އައްޑޫ ހިތަދޫ އޭރިއާއޭ،“ ވަޖީހު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް ރައީސް މުއިއްޒު ފެއްޓެވި މަސައްކަތްޕުޅުގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ރާއްޖެއަށް މެރިޓައިމް ދާއިރާގެ ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށް ވަޖީހު ވިދާޅުވި އެވެ. އެ މަސައްކަތުގެ ބޮޑުބައި ހަވާލުވެފައިވަނީ އެމްޕީއެލްއަށް ކަމަށް ވަޖީހު ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ މިއަދު ފެށިގެން މިދާ ބަންކަރިން ހިދުމަތް އިތުރަށް ފުޅާކޮށް ހޯރަފުށީގައި ބިން ހިއްކައިގެން ތެޔޮ ޓާމިނަލެއް ގާއިމުކުރައްވާނެ ކަމަށެވެ. އޭރުން ބޮޑެތި ޓޭންކުތައް ބަހައްޓައިގެން ބަންކަރިން ޚިދުމަތް މިއަށްވުރެ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”އޮފްޝޯކޮށް ބަންކަރިން ހިދުމަތް ފެށުނު ނަމަވެސް ހޯރަފުށީގެ ފަޅު ހިއްކައިގެން އެތަނުގައި ބޮޑު ބިމެއް އުފައްދާ ޝޯކޮށް އެއްގަމުން މި ހިދުމަތް، ބަންކަރިން ހިދުމަތް ދެވޭ ގޮތަށް އޮއިލް ޓާމިނަލް ތައްޔާރުކުރާނެ ދެވަނަ ފިޔަވަހީގެ ގޮތުގައި. މިއަދު މިފެށޭ އޮފް ޝޯ ބަންކަރިންގެ އިތުރަށް ދެވަނަ ފިޔަވަހީގެ ގޮތުގައި ގާއިމުކުރާނީ މި ދެންނެވި ބިން ހިއްކައިގެން އޮއިލް ޓާމިނަލެއް ޤާއިމުކޮށްފަ ބޮޑެތި ޓޭންކުތައް ބަހައްޓައިގެން ބަންކަރިން ހިދުމަތް ދޭ ގޮތަށް.“ ވަޖީހު ވިދާޅުވިއެވެ.