ސެޕްޓެމްބަރ 21, 2024

މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވަރެއް އަދިވެސް އޮތީ އެމްޑީޕީގައި: ޝާހިދު

މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވުރަކާއި، ދިވެހި ހުރިހާ ރައްޔިތުންނަށް ފައިދާ ކުރާނެ ތަސައްވަރެއް އޮތީ އަދިވެސް އެމްޑީޕީގައި ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝަހީދު އެގޮތަށް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ފެށި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރުމުގެ މަޝްރޫއުގެ 69 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށް ބުނެ ޝާއިއުކުރި ހަބަރެއް ކުއޯޓް ކުރައްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އިފްތިތާހު ކޮށްފައިވަނީ 2023 ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެ މަޝްރޫއަކީ އިންޑިޔާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާ އިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެއީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

ޝާހިދު އެކްސްގައި މިއަދުކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެ ކާމިޔާބު މަޝްރޫއަށް އިންޑިޔާއިން މާލީ އެހީތެރިކަން ހޯދައި، މަޝްރޫއުގެ މަސައްކަތް ހަލުވި ސްޕީޑުގައި ފެށުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

”މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވުރަކާއި، ހުރިހާ ދިވެހިންނަށް ތަރައްގީގެ ފައިދާވާ ތަސައްވުރެއް އަދިވެސް އޮތީ އެމްޑީޕީގައި. މި ކާމިޔާބު މަޝްރޫއަށް އިންޑިޔާއިން މާލީ އެހީތެރިކަން ހޯދައި، މަސައްކަތް ހަލުވި ސްޕީޑުގައި ފެށުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހޭ“ ޝާހިދު ވިދާޅުވިއެވެ.

އެ އެއާޕޯޓުގެ މަސައްކަތް ނިމުމުން ބޮޑިތިލަދުންމައްޗަށާއި މުޅި ރާއްޖެއަށް ތަރައްގީގެ މުޅިން އާ ބާބެއް ފެށިގެންދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދަނީ އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސްއިންނެވެ.

އެ މަޝްރޫއުގެ ދަށުން 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމު ކުރާނެ އެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމު ކުރާނެ އެވެ. އެ އެއާޕޯޓް ޑިޒައިން ކޮށްފައިވަނީ ދިވެހި ކަނޑުތަކުގައި ދިރިއުޅޭ މަޑި ސިފަވާނެ ފަދަ، ދިވެހިވަންތަ ފަރުމާ އަކަށެވެ. އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ހިދުމަތްދެވެން ހުންނާނެ އެވެ.