އޮކްޓޯބަރ 4, 2024

ފެލިވަރާއި ކޫއްޑޫގައި ގެންގުޅޭ ބަކައްޓާއި ކުކުޅު އިތުރުކުރަން މަޝްވަރާކޮށްފި

ފެލިވަރާއި ކޫއްޑޫގައި ގެންގުޅޭ ބަކައްޓާއި ކުކުޅު އިތުރުކުރަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އާއި ދަނޑުވެރިކަމާއި ޖަނަވާރާބެހޭ މިނިސްޓްރީއާ ދެމެދު މަޝްވަރާކޮށްފި އެވެ.

މިފްކޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި އެ މަޝްވަރާ ބައްދަލުވުމުގައި ފެލިވަރާއި ކޫއްޑޫގައި ގެންގުޅޭ ބަކަރި އިތުރު ކުރުމުގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާގައި ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

މިފްކޯ އިން ބުނީ، މަޝްވަރާގައި އެ ކުންފުނީގެ ސައިޓުތަކުގައި ހުރި ދަނޑުބިންތައް ދިރާސާކޮށް، އެ މަސައްކަތް ފުޅާކުރުމަށް މަޝްވަރާކޮށް ޕްލޭނެއް އެކުލަވާލަން ނިންމާފައިވާ ކަމަށެވެ. އަދި ފުނައްޑޫގައި ދަނޑުވެރިކަން ފުޅާކުރުމުގެ އަމަލީ މަސައްކަތް ގެންދާނެގޮތާމެދުވެސް މަޝްވަރާ ކުރި ކަމަށް ބުންޏެވެ.

މިފްކޯއިން ބުނީ، އެ ކުންފުނިން ދަނޑުވެރިކަން ކުރާތީ ސައިޓްތަކުގެ މުވައްޒަފުންގެ ކޮއްތަށް ކުރަންޖެހޭ ހަރަދުގެ ބައެއް ސަލާމަތް ކުރެވޭ ކަމަށެވެ. އަދި ބަކަރި ނުވަތަ ކުކުޅު ފަދަ ޖަނަވާރުތައް ވިއްކައިގެންވެސް އެ ކުންފުނީގެ ހަރަދުތައް މެނޭޖުކުރެވޭ ކަމަށް ބުންޏެވެ.