އޮކްޓޯބަރ 3, 2024

ކަނޑުގެ ލޮނުގަނޑު އުފުލުން ހުއްޓުވުމަށް ރައީސް ހުށަހެޅުއްވީ ތިން ހައްލެއް!

ކަނޑުގެ ލޮނުގަނޑު އުފުލުން ހައްލު ކުރުމަށް ތިން ފިޔަވަޅެއް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.

އދ. ގެ 79 ވަނަ އާންމު ޖަލްސާގައި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައިސް ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ އިންސާނިއްޔަތަށް އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ބިމާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ދިރިއުޅުމަށާއި ސަގާފީ އަސްލުތަކުގެ އިތުރުން ތަރިކައަށް ނުރައްކާވަނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެ ފަދަ ގައުމުތަކުން ތަރައްގީއަށް ކުރަމުންދާ މަސައްކަތް ނެތިގެންދާ ކަމަށާއި އިގްތިސާދަށް ވެސް ނުރައްކާވާ ކަމަށް ރައީސް ވިދާޅުވި އެވެ.

”އަޅުގަނޑުމެންގެ ބޯމަތީގައި މިއޮތީ ކުއްލި ހާލަތެއް، އަޅުގަނޑުމެން ދިރިއުޅުން މިއޮތީ ނުރައްކަލުގައި، ސަގާފަތާއި ތަރިކަ މި އޮތީ ނުރައްކަލެއްގައި“ ރައީސް ވިދާޅުވި އެވެ.

އެކަންތައް ފާހަގަ ކުރައްވައި ރައީސް ވަނީ އެކަންކަމުގެ ހައްލުގެ ގޮތުގައި ތިން ކަމެއް ހުށަހަޅުއްވައިފަ އެވެ.

ފުރަތމަ ކަމެއްގެ ގޮތުގައި ރައީސް ހުށަހެޅުއްވީ އއެޑަޕްޓޭޝަން ފައިނޭންސްގެ އިންތިޒާމުތައް ހަމަޖައްސައި، އެކަމަށް ބޭނުންވާ ފަންޑުތައް ހޯދުން ފަސޭހަ ކުރުމެވެ. ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ވަނީ އެފަދަ ފަންޑުތައް ހޯދުމަށް މީގެ ކުރިން ހުރި އެކި ކަހަލަ ދިގު، އުނދަގޫ މަރުހަލާތައް އުނިކޮށް މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ގައުމުތަކުން ބޭނުންވާ ފައިސާގެ އަދަދަށް ބަލައިގެން ފައިސާ ދޫކުރުމަށް ހުށަހަޅުއްވައިފަ އެވެ.

ދެން ރައީސް ހުށަހެޅުއްވީ އެފަދަ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ ފަންޑުތައް އޮޕަރޭޝަނަލައިޒް ކުރުމުގެ އިތުރުން އެކަމުން އަރައިގަތުމަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރުމެވެ.

ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ ވަސީލަތްތައް ދުނިޔޭގައި އެބަހުރި ކަމަށެވެ.

ރާއްޖެއިން ކަނޑުގެ ލޮނުގަނޑު އުފުލޭ މައްސަލައާ ގުޅިގެން 1989 ގައި“މާލޭ ޑިކްލެރޭޝަން އޮން ގްލޯބަލް ވޯމިން އެންޑް ސީލެވެލް ރައިޒް“  ގައި ސޮއިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް ދުނިޔެ ހޭލުންތެރި ކުރުވި ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ބެހޭ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މަޝްވަރާ ކުރުމަށް ގޮވާލައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.