އޮކްޓޯބަރ 3, 2024

ނުރައްކާތެރި ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަން އިންސްޕެކްޓް ކުރަނީ

ނުރައްކާތެރި ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަން އިންސްޕެކްޓް ކުރަން ހާއްސަ އޮޕަރޭޝަނެއް ކަމަށްވާ ”އޮޕަރޭޝަން ހިރާސް ފާސް“ މިއަންނަ މަހު ފަށާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެކި ބޭނުންތަކަށް ރާއްޖެއަށް އެތެރެ ކުރާ ނުރައްކާތެރި ކެމިކަލްތައް އެތެރެ ކުރުމުގެ ހުއްދަ ދިނުމާއި، އެފަަދަ ކެމިކަލްތައް ގުދަންކޮށް ރައްކާ ކުރުމަކީ ގާނޫނުން އެ މިނިސްޓްރީއަށް ލާޒިމުކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ. މިފަދަ ކެމިކަލްތަކަށް ހުއްދަދެވިފައި ވަނީ އިމުގެ ތެރެއިން ކަމުގައި ވީނަމަވެސް، އެ ތަކެތި ގެންގުޅުމާއި ގުދަން ކުރުމުގައި ބައެއް ފަރާތްތަކުން ގަވާއިދާއި ހިލާފުވާ ކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

”އަދި މި ކަމަކީ ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން މުތުލަގަށް ތަންފީޒު ނުކުރެއްވިއްޖެނަމަ އިޔާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކަކަށް ދިވެހި ރައްޔިތުން ހުށަހެޅިގެންދިއުމަށް ހުޅުވޭ ދޮރެއް ކަމުގައި ދެކެމެވެ“ ޑިފެންސް މިނިސްޓްރީން ބުންޏެވެ.

”އެހެންކަމުން އޮކްޓޯބަރު 1 އިން ފެށިގެން މިދެންނެވުނު ފަދަ ތަންތަން އިންސްޕެކްޓް ކުރުމަށާއި ނުރައްކާތެރި ކެމިކަލް އެތެރެކޮސް ގެންގުޅުމާއި ގުދަންކުރުމުގައި އަމަލު ކުރުމަށް ރާއްޖެގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް އާންމުން ހޭލުންތެރި ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ޒޯންތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމަފައެވެ،“.

ނުރައްކާތެރި ކެމިކަލް ގެންގުޅޭ ފަރާތްތަކުން ގަވާއިދާ އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށްޓާކައި އެ ވުޒާރާއަށް ފެނިއްޖެ ނަމަ، އެތަންތަން އިންސްޕެކްޓް ކުރުމަކީ ގާނޫނީ ދަށުން އެ ވުޒާރާއަށް ދީފައިވާ އިހުތިޔާރެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

Leave a Reply