އޮކްޓޯބަރ 3, 2024

ކޮންމެ މީހަކާ ހަވާލުވެފައިވާ މަސްއޫލިއްތު އަދާކުރީ ކިހިނެއްތޯ ގިޔާމަތް ދުވަހުން ސުވާލު ކުރެވޭނެ އެވެ.

ކޮންމެ މީހަކާ ހަވާލުވެފައިވާ މަސްއޫލިއްތު އަދާކުރީ ކިހިނެއްތޯ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނެ ކަމަށާއި މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާ ނަމަ ގިޔާމަތް ދުވަހުން އެކަމުގެ ޒިންމާ އެ ފަރާތަކުން އުފުލަންޖެހޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

’ޒިއްމާދާރުވުމާއި މަސްއޫލިއްޔަތު އުފުލުން‘ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ކޮންމެ މީހަކީ ތިމާ ދިރިއުޅެމުންދާ މުޖުތަމައުގައި، އޭނާ ހިމެނޭ ހައިސިއްޔަތަކުން އެހެން މީހުންގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭނޭ މީހެއް ކަމަށާއި މައިންބަފައިން، މުދައްރިސުން، އެކިއެކި އޮފީސްތަކުގެ ވެރީންނާއި މުވައްޒަފުން އެ މީހުންނާ ހަވާލުވެފައިވާ މަސްއޫލިއްޔަތާ މެދު ދުނިޔެއާއި އާހިރަތުގައިވެސް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ބުންޏެވެ.

އަދި ކޮންމެ އިންސާނަކީ، އެ މީހަކު މި ދުނިޔޭގައި ކުޅަ ކޮންމެ އަމަލަކާ މެދު، ބުނި ކޮންމެ ބަހަކާ މެދު، މާތް اللهގެ ހަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެ މީހެއް ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ، ޒިއްމާދާރުވުމާއި މަސްއޫލިއްޔަތު އަދާކުރުމުގައި ގައުމުގެ އިސް ވެރީންނާއި ގާނޫނު ހަދާ މުއައްސަސާތަކާއި އަދުލުއިންސާފު ގާއިމުކުރާ މުއައްސަސާތަކާއި ގާނޫނު ނަގަހައްޓާ މުއައްސަސާތަކާއި ގައުމުގެ ސިޔާދަތާއި އަމްނު އަމާންކަން ބަލަހައްޓާ މުއައްސަސާތަކާއި އިގުތިސާދާއި ބައިތުލްމާލު ބަލަހައްޓާ މުއައްސަސާތަކުގެ ޒިންމާއާއި މަސްއޫލިއްޔަތު ވަކީން ބޮޑު ކަމަށެވެ. އަދި ވިޔަފާރިވެރީންނަކީ ވެސް އެ މީހުން ހިދުމަތް ފޯރުކޮށްދޭ ރައްޔިތުންގެ މައްޗަށް މަސްއޫލިއްޔަތު އުފުލައި ޒިންމާ އަދާކުރާން ޖެހޭނެ ބައެއް ކަމަށްވެސް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، ބައެއް މީހުންނަކީ އަދާކުރާ މަސްއޫލިއްޔަތުގެ ބާވަތުން އިހުލާސްތެރިކަމާއެކު އެ މަސްއޫލިއްޔަތު އަދާކުރުމަށް މާތް ﷲ ގަންދީ ހުވައިކޮށްގެން ތިބި ބައެއް ކަމަށާއި އެފަދަ ފަރާތްތަކުން ވެފައިވާ އަހުހުދާއި ހުވަޔަށް ހުރުމަތްތެރިކޮށްހިތާންވާނެ ކަމަށެވެ.

ހާކިމުންނާއި ވެރީންނާއި އެކިވަރުގެ އަމުރުވެރީން ރިވެތި ނަމޫނާ ދައްކައި، ޒިންމާދާރު ވެއްޖެ ނަމަ، އާންމު ރައްޔިތުން އެބައި މީހުންނާ ތަބާވާނެކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ، ކޮންމެ މީހަކު ވެސް، އަދާކުރާ ވަޒީފާތަކާއި މަސްއޫލިއްޔަތުތަކަކީ އަމާނާތެއް ކަމަށެވެ. އެހެންކަމުން ވަޒީފާ އަދާކުރުމުގައި ތެދުވެރިވެ، އިހުލާސްތެރިވާންޖެހޭ ކަމަށާއި ކަންކަން ކުރުމުގައި ރައްޔިތުންގެ ހައްގުތަކަށާއި ގައުމީ މަސްލަހަތަށް އިސްކަންދޭންޖެހޭ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، އަހަރެމެންގެ ވަޒީފާތަކާއި ރައްޔިތުން އަހަރެމެންނާ ހަވާލު ކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކަކީ، ބޮޑުވެގެންވާ އަމާނާތެއް ކަމަށެވެ. އެހެންކަމުން އެ އަމާނާތްތައް އަދާކުރުމުގައި ފަރުވާކުޑަކޮށް، ފަރުދުންނާއި މުޖުތަމައުގެ މަސްލަހަތަށް އިސްކަން ނުދޭ ނަމަ، އެއީ ތިމާގެ ދީނާއި ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ބުންޏެވެ.

އަދި ޒިންމާއާއި މަސްއޫލިއްޔަތު އަދާނުކުރުމަކީ ނަޒާހަތްތެރިކަން ގެއްލި، އަދުލުއިންސާފާ ދުރަށް ގޮސް، އަނިޔާވެރިކަމަށް މަގުފަހިވާނެ ކަންކަމަށްވާއިރު އަމިއްލަ މަސްލަހަތު އިސްކުރުމަކީ، ތިމާ އަދާކުރާންޖެހޭ މަސްއޫލިއްޔަތަށް އުނިކަން އަންނަ ކަމެއް ކަމަށްވެސް ހުތުބާގައި ބުންޏެވެ.