މާލެ އާއި ހުޅުމާލޭ ގައި ގޭންގުތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބަލަހައްޓަން ފަށާފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
މާލެ ސަރަހައްދުގެ އަމާންކަމާއި ރައްކާތެރިކަމަށްޓަކާ ފުލުހުން ކުރަން ފަށާފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން ސީޕީ ޝުޖާއު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ގޭންގު ކުށްތަށް ހުއްޓުވުމަށް ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން 2024-2028 ގައި ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ތަފާތު މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އޮނިގަނޑަށް މި ފަހުން ގެނެވުނު ބަދަލާއެކު ގޭންގު ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ވަކި ހާއްސަ ވިންގެއް ގާއިމުކޮށް މާލެ އާއި ހުޅުމާލޭގައި ގޭންގުތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބަލަހައްޓަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.
ސީޕީ ޝުޖާއު ވިދާޅުވީ، ގޭންގު ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް އެކަމާ ދެކޮޅަށް މަސައްކަތް ކުރާ ދެ ވިންގުގެ އިސް ފުލުހަކު މާލެ އަދި ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޒަމާނީ ކޮމިއުނިކޭޝަން ސެންޓަރުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެގޮތުން މާލެއާއި ހުޅުމާލޭގެ އާންމު ހާލަތުވެސް ސީދާ އެ ވިންގުތަކުން މޮނިޓާކޮށް ދިމާވާ އެކި ކަންކަމަށް ރިއާޔަތް ކޮށް ނިންމަންޖެހޭ ނިންމުންތައް ވަގުތުން ވަގުތައް ނިންމުމުގައި މިހާރު އަވަސްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ސީޕީ ޝުޖާއު އިތުރަށް ވިދާޅުވީ، އެކަމުގެ އެންމެ ބޮޑު ބޭނުމަކީ، ހުއްޓުމެއްނެތި ރައްޔިތުން އެދޭފަދަ ހިދުމަތެއް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދީ، އިންސާނީ ވަސީލަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި، ފުލުހުން ޕްރެޒެންސް އިތުރުކޮށް ރައްޔިތުންނަށް ރައްކާތެރިކަމުގެ އިހުސާސްކޮށްދިނުން ކަމަށެވެ. ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކުރަނީ އެ މަގަށް، އެކަން ހާސިލުކުރަން ކަމަށްވެސް ވިދާޅުވި އެވެ.




ގުޅުންހުރި
އަބްދުﷲ ދީދީ، ރައީސަށް: ގޭންގުތައް ނެތް ކަމަށް ވިދާޅުވަނީ މަސްއޫލިއްޔަތުން ރެކެން!
އިމްރާން، ރައީސަށް: ގޭންގުތައް ނައްތާލެވިއްޖެ ކަމަށް ވިސްނައިދިނުމަކީ ނުރައްކަލެއް
15,000 ރުފިޔާ ދޭނަމޭ ބުނުމުން ހަވާލުވި ލަގެޖުގައި ޑުރަގް!
ސިނގިރޭޓް ވައްކަން: ކޮންޓޭނަރުތައް ވަގަށް ނެގުމަށްފަހު އެއާ އެއްގޮތަށް ހަދާފައިވާ ދެ
ހަވަނަ ބުރީގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ
ޑޮލަރު ސޫޓް ކޭސް ފޭރިގެން މައްސަލަ: ހައްޔަރުކުރި 4 މީހުންގެ ފޮޓޯ