ނޮވެމްބަރ 21, 2024

ރިސޯޓަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު ބޭންކަކަށް މާރުކުރަން ލާޒިމުކޮށްފި

ރާއްޖޭގައި ހިންގާ ރިސޯޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން, ބޭންކަކަށް މާރުކުރަންޖެހޭ ގޮތަށް ލާޒިމުކޮށްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން މިއަދު ވަނީ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އެމެރިކާ ޑޮލަރުން ލިބޭ އާމްދަނީން ބައެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގަވާއިދެއް ހަދައި އަމަލުކުރަން ފަށައިފަ އެވެ.

އަލަށް ހެދި އެ ގަވާއިދަށް މިއަދު އަމަލުކުރަން ފެށުމާއެކު 1 މާޗު 1987 އިން ފެށިގެން މިހާތަނަށް އަމަލުކުރަމުންއައި ގަވާއިދު ވަނީ އުވިފަ އެވެ.

އެމްއެމްއޭއިން އަލަށް ހެދި ގަވާއިދުގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާ އިން ރާއްޖެއަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކިން ސިސްޓަމަށް ވެއްދުމެވެ. އެ ގަވާއިދުގައިވާ ގޮތުން ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކަށް ވަކި ވަރަކަށް ޑޮލަރު ބޭންކަކަށް ރުފިޔާއަށް މާރުކުރަންޖެހެ އެވެ. އެކަމަށް ދެ ކެޓަގަރީއެއް އެމްއެމްއޭއިން ވަނީ ކަނޑައަޅައިފަ އެވެ.

އެގޮތުން ކެޓަގަރީ އޭގައި ހިމެނެނީ ޓޫރިސްޓް ރިސޯޓްތަކާއި އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓުތަކާއި ރިޒޯޓް ހޮޓާތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތައް އަދި އެނޫންވެސް އެފަދަ ތަންތަނެވެ. ގަވާއިދުގައިވާ ގޮތުން އެ ކެޓަގަރީގެ ތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށްޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ލާޒިމުވާނެ އެވެ.

ކެޓަގަރީ ބީގައި ވަނީ ޓޫރިސްޓް ގެސްޓްހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނެވެ. އެ ކެޓަގަރީގެ ތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށްޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ.

ގަވާއިދުގައިވާ ގޮތުން އެ ފައިސާ މާރުކުރަން ޖެހެނީ މީލާދީ މަސް ނިމި އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިންނެވެ. އެހެންކަމުން މި ގަވާއިދަށް މިއަދު އަމަލުކުރަން ފެށި ނަމަވެސް ޓޫރިސްޓް ފެސިލިޓީއަކުން ބޭންކަކަށް ޑޮލަރު މާރުކުރަން ޖެހޭނީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިންނެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ވަކި ހާލަތްތަކެއްގައި އެއަށްވުރެ މެދުން މާރުކުރުމުގެ ހުއްދައަށް އެމްއެމްއޭގައި އެދެވިދާނެއެވެ.

އެ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ:

ބޭރުފައިސާ އިން ޓެކްސް ދެއްކުން
މާލީ އިދާރާއަކަށް ބޭރު ފައިސާ އިން ދަރަނި ދެއްކުން
ކޯޓު ހުކުމަކުން ކަނޑައަޅާފައިވާ ބޭރު ފައިސާގެ އިލްތިޒާމުތައް
އޮތޯރިޓީން ހުއްދަދޭ އެހެންވެސް ބޭރު ފައިސާގެ އިލްތިޒާމުތައް
އެ ގަވާއިދުގައި އިތުރަށް ބުނީ، ބޭންކުތަކަށް ކޮންމެ ހަފުތާއަކު ލިބޭ ބޭރު ފައިސާގެ 60 ޕަސެންޓް ޖެހިގެން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން އޮތޯރިޓީއަށް ވިއްކަންޖެހޭނެ ކަމަށެވެ. އަދި ބޭންކުތަކަށް މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ ތަފުސީލު އެމްއެމްއޭއަށް ހުށަހަޅަންވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ.