އޮކްޓޯބަރ 3, 2024

ސްޓެލްކޯގެ 500،000 ގަސް އިންދުމުގެ ޕްރޮގްރާމް: 4 މަސް ތެރޭ 36،800 ގަސް އިންދައިފި

ރާއްޖޭގައި 500،000 ގަސް އިންދުމަށް ސްޓެލްކޯ އިން ފެށި ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 36،800 އަށްވުރެ ގިނަ ގަސް އިންދާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސަރުކާރުގެ ’ފަސް އަހަރުން ފަސް މިލިއަން ގަސް‘ ޕްރޮގްރާމުގައި ބައިވެރިވުމުގެ ގޮތުން ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ސްޓެލްކޯ އިން ފެށީ މިދިޔަ ޖޫން މަހުގެ ފަސްވަނަ ދުވަހު އެވެ.

ސްޓެލްކޯ އިން މިއަދު ބުނީ، އެ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ކުންފުނިން ހިދުމަތް ދޭ ރަށްރަށުގައި ޖުމުލަ 36،825 ގަސް އިންދާފައިވާ ކަމަށެވެ. ބާކީ އަދި 463،175 ގަސް އިންދަން ޖެހޭނެ އެވެ.

ސަރުކާރުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފެއްޓެވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ، އެ ކުންފުނިން ފަސް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމަށް ފުރިހަމައަށް އަމާޒު ހިފާފައިވާ ކަމަށެވެ.

”މިދިޔަ ޖޫން މަހުގެ ތެރޭގައި އެ ޕްރޮގްރާމް ފެށި ފަހުން، މަހަކު ގާތްގަނޑަކަށް 9،200 ގަސް އިންދުމުގެ ޓާގެޓް މިވަނީ ހާސިލުކުރެވިފައި. މި އަދަދަށް ބަލާ ނަމަ، ކުރިއަށް އޮތް 60 މަސް ދުވަހުގެ ތެރޭގައި ފަސް ލައްކަ ގަސް އިންދުމުގެ އަމާޒު ހާސިލުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް،“ ފަހުމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ޕްރޮގްރާމްގެ ފައިދާ ކުރިއަށް ޖީލަށާއި ތިމާވެއްޓަށް ކުރާނެކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި އެ މަސައްކަތް ކާމިޔާބު ކުރުމަށް ސްޓެލްކޯގެ ސްޓާފުންނާއި ކައުންސިލް މެންބަރުންނާއި މުޖުތަމައު ކުރާ މަސައްކަތް ފާހަގަކުރައްވައި އެކަމަށްޓަކައި ފަހުމީ ޝުކުރު އަދާކުރެއްވި އެވެ.