މަސްތުވާއެއްޗެހި ގަންނަން މަންމަ ރުފިޔާ ނުދިނުމުން މަންމައަށް ގެވެށި އަނިޔާކުރި ދަރިފުޅު ހަ މަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެ މައްސަލައިގައި ޖަލަށް ލައިފައިވަނީ މުހައްމަދު އަމީރު ކިޔާ މީހެކެވެ. އޭނާގެ މައްޗަށްކުރި ދައުވާގައި ދައުލަތުން ވިދާޅުވެފައިވަނީ އަމީރު ވަނީ އޭނާގެ މަންމައަށާއި ދޮންބައްޕައަށް ބިރު ދައްކައި އިންޒާރުދީ، ހަޑިހުތުރު ބަހުން ވާހަކަދައްކައި މުދަލަށް ގެއްލުންދީފައި ކަމަށެވެ. އެހެންވެ މެޖިސްޓްރޭޓް ކޯޓުން އަމީރުގެ މައްޗަށް ވަނީ ރައްކާތެރިކުރުމުގެ އަމުރެއް ނެރެފައި ކަމަށާއި އެ އަމުރުގައިވަނީ އާމިރު، އޭނާގެ މަންމައަށާއި ދޮންބައްޕައަށް ބަހުގެ ހަމަލާ ނުދިނުމަށާއި، އިންޒާރުދީ ބިރު ނުދެއްކުމަށާއި، ހަޑިހުތުރުބަހުން ވާހަކަ ނުދެއްކުމަށާއި، މަސްތުވާތަކެތި ބޭނުން ކުރުމަށް ފައިސާ ނުހޯދުމުގެ އިތުރުން މަންމައަށާއި ދޮންބައްޕައަށް ޖިސްމާނީ ގޮތުން އަނިޔާ ނުދިނުމަށް ދައުލަތުން ވިދާޅުވި އެވެ.
މެޖިސްޓްރޭޓް ކޯޓުގެ އެ އަމުރަށް ކިޔަމަންތެރިނުވެ، އަމީރު ވަނީ އޭނާގެ މަންމަގެ އަތުން މަސްތުވާއެއްޗެހި ގަންނަން ފައިސާ ނުލިބުމުން ގޭގެ ކައްކާ ބައިގައި ހުރި މިކްސަރުގެ ޖަގުގެ ތަށިގަނޑު ހަލާކުކޮށްފައި ކަމަށް ދައުލަތުން ވިދާޅުވިއެވެ، އަދި ވަނީ ގޭގެ ރޮށިލާ ތަށްޓެއްގެ މަތިގަނޑު ފަޅާލައި، ގޭގެ މުދަލަށް ގެއްލުންދީފައި ކަމަށް ދައުލަތުން ވިދާޅުވެފައިވެ އެވެ.
އޭނާގެ އެ އަމަލުތަކަކީ ރައްކާތެރިވުމުގެ އަމުރާ ހިލާފަށްކުރި ކަންކަން ވާތީ ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވުމުގެ ކުށުގެ ދައުވާކުރާ ކަމަށް ދައުލަތުން ވިދާޅުވެފައިވެ އެވެ.
ދައުލަތުންކުރި އެ ދައުވާއަށް އަމީރު ވަނީ އިއުތިރާފުވެ މައްސަލަ އަވަހަށް ނިންމައި ދިނުމަށް އެދިފަ އެވެ.
އެ މައްސަލަ ބެއްލެވި ގާޒީ އާއިޝަތު ނުޒުހާ އެ މައްސަލައާމެދު ގޮތެއް ނިންމަވަމުން ވިދާޅުވެފައިވަނީ މައްސަލައާއެކު ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ބެލުމުން އަމީރުގެ ފަރާތުން ތަކުރާރުކޮށް ގެވެށި އަނިޔާ އޭނާގެ މަންމަ އަދި ދޮންބައްޕައަށް ލިބިފައިވާކަން އެނގޭ ކަމަށެވެ.އަމީރުގެ އެ އަމަލުތައް އެކިދުވަސްމަތިން ތަކުރާރުވަމުންދާތީ މުޅި އެ އާއިލާ އުޅެން ޖެހިފައިވަނީ ބިރުވެރިކަމެއްގައި ކަމަށް ގާޒީ ވިދާޅުވި އެވެ.
”މަސްތުވާތަކެތި ގަތުމަށް ލާރި ހޯދުމަށް ބިރު ދައްކައި އުޅެނީ މީނާގެ މަންމައަށްކަން ވެސް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގެ އެވެ. ދަރިއަކު މަންމައަށް އެއްވެސް ލޯތްބެއް އިހުތިރާމެއް ނެތި، އަމިއްލައަތުން މަސައްކަތްކޮށްގެން ފައިސާ ހޯދުމުގެ ބަދަލުގައި، މަސްތުވާތަކެތި ހޯދުމަށް މަންމައަށް ބިރުދައްކައި ފައިސާ ހޯދުމަކީ، މައިންބަފައިން މުސްކުޅިވި ދުވަހު އަޅައިލައި ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭންތިބި ދަރިންގެ ފަރާތުން ކޮށްގެންވާނެ ކަމެއް ނޫނެވެ. މިއީ އެކަމުގެ ސަބަބުން މައިންބަފައިންނަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެތަކެއް އަނިޔާތަކެއް ލިބި މިކަމުގެ ނޭދެވޭ އަސަރު ތަހައްމަލު ކުރަންޖެހޭފަދަ ކަންކަމެވެ“ ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަށް ހަމައެކަނި ޖޫރިމަނާކޮށް، ކަނޑައެޅި ފައިސާ ދައުލަތަށް ދެއްކުމަށްފަހު ސަލާމަތްވެގެން ދިއުމަކީ މުޖުތަމައަށްދެވޭ ރަނގަޅު މެސެޖެއް ނޫން ކަމަށެވެ. އެހެންވެ ކުށުގެ އަސާސީ އަދަބު ކަމަށްވާ ހަމަސް ދުވަހަށް އަމީރު ޖަލަށްލާން ޖެހޭ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެހެންވެ ގާޒީ ހުކުމްކުރެއްވީ އަމީރު ހަމަސް ދުވަހަށް ޖަލަށް ލުމަށެވެ. ނަމަވެސް އޭނާ އެ މައްސަލައިގެ ތަހުގީގަށް ބަންދުގައި އަށް ދުވަސް ހޭދަކޮށްފައިވާތީ ތަންފީޒުކުރަން ޖެހޭނީ ފަސް މަހާއި 22 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ގާޒީ ވިދާޅުވި އެވެ.
1 Comment
ގުޅުންހުރި
ތިން ކިލޯގެ ޑްރަގްސްއާއެކު ބެންކޮކުން ދިވެއްސަކު ހައްޔަރުކޮށްފި
މަންޑޭގެ މުދާތައް ޝަރީއަތް ނިމެންދެން ހިފަހައްޓަން އަމުރުކޮށްފި
ލަމްހާ، ގައިދީންތަކަކާ މާރަމާރީ ހިންގައި މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަނީ
މޭރީގެ މަރު: ލަމްހާ އެދުނު ގޮތަށް އޭނާ ބަންދުން ދޫކޮށްލައިފި
ކޯޓުގައި ބުނީ ތޫނު ހަތިޔާރަކުން ބިރު ދެއްކުނީ ބަނޑުހައިވެފައިހުރުމުގެ ސަބަބުން ކަމަށް!
ކުރީގެ ލޯބިވެރިޔާއަށް އަނިޔާކޮށް މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި