އޮކްޓޯބަރ 10, 2024

އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް އިންޑިއާއަށް ވަޑައިގެންނެވީ މި މަހުގެ 6 އިން 10 އަށެވެ.

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރެއްވި މިދަތުރުފުޅަކީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް އިންޑިއާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

އެ ދަތުރުފުޅުގައި ރައީސް ވަނީ އިންޑިއާގެ ރައީސްއާއި ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިތުރުން އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފަ އެވެ. ދެ ބޭފުޅުންގެ މަޝްވަރާތައް ބިނާކުރައްވާފައިވަނީ، ދޭދޭ ގުޅުންތައް ހަރުދަނާކުރުމާއި، ދެ ގައުމުގެ ދެމެދުގައި އޮންނަ ބަދަހިގުޅުން އިތުރުކުރުމުގެ މައްޗަށެވެ.

އެ ބައްދަލުވުމަށްފަހު ރާއްޖެއާއި އިންޑިއާ ދެމެދު ފަސް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

– ކޯޕަރޭޝަން ބިޓުވީން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްއާއި ރާޝްތްރިޔާ ރަކްޝާ ޔުނިވާސިޓީއާ ދެމެދު އެކުލަވާލި އެއްބަސްވުން
– އެކްސްޓެންޝަން އޮފް ދަ މެމޮރަމްޑަން އޮފް އަންޑަސްޓޭޏްޑިން ބިޓްވީން މޯލްޑިވްސް އެންޑް މިނިސްޓްރީ އޮފް ޔޫތު އެފެއާޒް އެންޑް ސްޕޯޓްސް އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއާޒް
– ކޮރަޕްޝަން މަދުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަނާއި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އޮފް އިންޑިއާ ފޯ ބައިލެޓްރަލް އާ ދެމެދު އެކުލަވާލި އެއްބަސްވުން
– ރާއްޖޭގެ 200 ޖުޑީޝަލް އޮފިސަރުން ތަމްރީންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނާއި ނޭޝަނަލް ޖުޑީޝަލް އެކަޑަމީ އޮފް އިންޑިއާ ދެމެދު އެކުލަވާލި އެއްބަސްވުން
– 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްޕޮޕް އެއްބަސްވުން

ރައީސްގެ އެ ދަތުރުފުޅުގައި މޯދީއާއެކު ބޭއްވެވި މަތީ ފަންތީގެ މަޝްވަރާތަކުގައި، ދެ ގައުމުން ގުޅިގެން މިހާރު ކުރަމުންދާ މަސައްކަތްތަކާއި، ކުރިމަގުގައި ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާކުރައްވާފައި ވެއެވެ. އެގޮތުން ބޯހިޔާވަހިކަމާއި، އުމްރާނީ ތަރައްގީއާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރި އާއި އިންވެސްޓްމަންޓާއި، އިންސާނީ ވަސީލަތް ތަރައްގީކުރުމާއި، ސިއްޙީ ހިދުމަތް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ އިންޑިއާއިން ރާއްޖެއަށް ދެއްވި މާލީ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި، މޭ މަހާއި ސެޕްޓެމްބަރު މަހަށް ޓީ-ބިލުގެ ސަޕޯޓުގެ ގޮތުގައި، އިންޓްރަސްޓަކާއި ނުލައި 100 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސަވައިދެއްވި ކަމަށްޓަކައި ވެސް އިންޑިއާއަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެހީގެ ގޮތުގައި ބައިލެޓަރަލް ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ ދަށުން 30 ބިލިޔަން އިންޑިޔާ ރުޕީޒް އާއި 400 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސަވައިދެއްވިކަން ވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަކަން ރައީސް ފާހަގަކުރެއްވި އެވެ.

އަންނަ އަހަރަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާކަން ފާހަގަކުރައްވަމުން ރައީސް ވަނީ، އަންނަ އަހަރު ރާއްޖެއަށް ފުރަމަނަ ދަތުރުފުޅެއް ކުރެއްވުމަށް، މޯދީއަށް ދައުވަތު އަރުވާފަ އެވެ.