ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް އެ ރައްޔިތުންގެ އަތުން އަތުލުމަށް ތާއީދުނުކުރާނެ ކަމަށާއި ބާރުތައް އަތުލާނަމަ ރައްޔިތުން އެކަމާ ދެކޮޅަށް ތެދުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ކުޅުދުއްފުށި ސިޓީގައި މިއަދު ފެށި ”ލާމަރުކަޒީ ގުޅުން“ ކޮންފަރެންސްގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއް ވެރިކަމަށް އަންނަ ކޮންމެފަހަރަކު ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް އަތުލައި ސަރުކާރަށް ޖަމާކުރަމުންދާ ކަމަށެވެ.
އިބޫ ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ މި ސަރުކާރުން ވަނީ ”އެޓޯލް މިނިސްޓްރީ“ އެ އުފައްދަވައި ކައުންސިލް ބާރުތައް އަތުލައިގެންފައި ކަމަށެވެ. ބާރުތައް ރައީސް އޮފީހަށް ޖަމާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިބޫ ވިދާޅުވި އެވެ.
”އެކަމަކު، މިއަދަކީ ރައްޔިތުން އެކަން [ބާރުތައް އަތުލުން] ގަބޫލުކުރާނެ ދުވަހެއް ނޫން. އެއާ އިދިކޮޅަށް ތެދުވަން ޖެހިއްޖެއްޔާ ތެދުވެ، ކުރަން ޖެހޭ ކޮންމެ ކަމެއް އަޅުގަނޑު ހިތުން ދިވެހި ރައްޔިތުން ކުރާނެ،“ އިބޫ ވިދާޅުވި އެވެ.
ޑިމޮކްރަސީއަކީ ހަމައެކަނި ރައްޔިތުންގެ ވޯޓެއް ނަގައިގެން ސަރުކާރު ބަދަލުކުރުމެއް ނޫނެވެ. ޑިމޮކްރަސީއަކީ އެއަށް ވުރެ މާ ފުޅާ ދާއިރާއެއްގައި މާ ގިނަ ކަންތައްތަކެއް އެކުލެވޭ ކަމެއް ކަމަށާއި ޑިމޮކްރަސީއެއް ހިންގުމަކީ ފަސޭހަ ވެސް ކަމެއް ނޫން ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން، އިބޫ ވިދާޅުވި ގޮތުގައި، ޑިމޮކްރަސީއެއްގައި ރައްޔިތުންނާ މަޝްވަރާކުރެވި، ރައްޔިތުންގެ އަޑުއަހައި، ކައިރިން ހިދުމަތް ދެވެން ޖެހެ އެވެ
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށް އިބޫ ވިދާޅުވި އެވެ.
”ދޮގު ދޮލަނގު ބޮލަށް ލައިގެން ދާ ވާހަކަ، މި އިންނެވި އަބްދުﷲ ޝާހިދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި. މިއަދު އެކަން އެ ދަނީ ހާމަވަމުން. ވެރިކަމަށް އައީ، ދޮގުވެރި، މަކަރުވެ، ހީލަތްތެރި ރޭވުންތަކުގެ ތެރެއިން. މިއަދު އެދަނީ އެކަން ސާފުވަމުން،“ އިބޫ ވިދާޅުވި އެވެ.
އެމްޑީޕީގެ ސަރުކާރާއި އިންޑިއާއާއި ގުޅުވައި ފެތުރީ ދޮގު ވާހަކަތަކެއްކަން މިހާރު ރައްޔިތުންނަށް ސާފުވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
ގުޅުންހުރި
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ޔޫކޭއަށް، ހުރިހާ ހަރަދެއް ކުރައްވާނީ އަމިއްލަފުޅަށް
މިއަދު އެ ފެނުނީ ޕީއެންސީގެ މެންބަރުން އަމިއްލަ މަސްލަހަތު ކުރިއަށް ނުނެރޭނެކަން:
ޕާޓީ ބަދަލުކުރުމުން މެންބަރުކަން ގެއްލޭ އިސްލާހު ރައީސް ވަގުތުން ތަސްދީގު ކުރައްވައިފި
ކަނޑުންނާއި ފަޅުން ދޫކޮށްފައިވާ ގޯތިތައް އަންނަ އަހަރު ހަވާލުކޮށް ނިންމާނަން: ރައީސް