މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކު ހުޅުވަން ބޭނުންވާ ލައިސަންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދޫކޮށްފި އެވެ.
އެމްއެމްއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޑިވެލޮޕްމެންޓް ބޭންކު ހުޅުވުމަށް ބޭނުންވާ ލައިސަންސް އެ ބޭންކަށް ދިނީ މިއަދު ކަމަށެވެ.
”މި ބޭންކްގެ ހިދުމަތް ފެށުމުން، އިގުތިސޯދީ އަދި މާލީ ކުރިއެރުމަށް ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސިންގެ ހިދުމަތް ދިވެހިރާއްޖޭގައި ތައާރަފު ވެގެންދާނެ ކަމަށް މި އޮތޯރިޓީން ދެކެން،“ އެމްއެމްއޭއިން ބުންޏެވެ.
ޑިވެލޮޕްމެންޓް ބޭންކަށް ދޫކުރި ހުއްދައިގެ ދަށުން އެއް އަހަރުގެ ތެރޭގައި މިއަންނަ އަހަރުގެ އޮކްޓޫބާ 12 ގެ ކުރިން އެ ބޭންކުގެ ހިދުމަތް ފަށަން ޖެހޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ޑިވެލޮޕްމެންޓް ބޭންކު ހުޅުވާނެ ކަމަށެވެ. ނަމަވެސް އެ މުއްދަތަށް އެ ބޭންކު ހުޅުވިފައިނުވެ އެވެ.
ޑިވެލޮޕްމެންޓް ބޭންކު ހިންގުމަށް ހަމަޖެހިފައިވަނީ ބިޒްނަސް ކޯޕަރޭޝަން ސެންޓާ (ބީސީސީ)ގަ އެވެ.



