މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަޅައިފައިވާ ވޭޕް ސްކޫލް ދަރިވަރުންނަށް ވިއްކަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިހުސާން އެގޮތަށް ވިދާޅުވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި އިހުސާން ވިދާޅުވީ ވޭޕް އޮއިލް ކަމަށް ބުނެ ރާއްޖެއަށް އެތެރެކުރަން އުޅުނު ކެނަބިސް ޝިޕްމެންޓެއް މޯޅްޑިވްސް ކަސްޓަމްސް ސާވިސަސްއިން ހިފަހައްޓައިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިއަހަރުގެ މާޗު މަހުގެ 14 ގައި ވެސް ކެނަބިސް އަޅައިގައިވާ ކާޓްރިޖުތަކެއް ހިފަހައްޓައިފައިވާ ކަމަށެވެ.
”ސްކޫލްތަކުގެ ކިޔަވާ ކުދިންނަށް މިފަދަ މަސްތުވާތަކެތި ހިމެނޭ ވޭޕު އޮޅުވާލައިގެން ދެމުންދާކަން ވަނީ ފާހަގަ ކުރެވިފަ“ އިހުސާން ވިދާޅުވި އެވެ.
ރާއްޖެއަށް ވޭޕް އެތެރެކުރުމާއި އެ ބޭނުން މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމެވީ އެ ސަބަބާ ގުޅިގެން ކަމަށް އިހުސާން ވިދާޅުވި އެވެ.
ރައީސް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕްކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުން އަދި އިޝްތިހާރުކުރުމާއި ހިލޭ ބެހުން އަންނަ ޑިސެމްބަރު 15 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.
”ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބާ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބާ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު އަންގައިފިން“ ރައީސް ވިދާޅުވި އެވެ.
ދުންފަތުގެ ބާވަތަކާ ދެކޮޅަށް ފަހުގެ ތާރީހެއްގައި ރާއްޖޭގައި މިހާ ހަރުކަށި ފިޔަވަޅެއް މީގެ ކުރިން އަޅާފައެއް ނުވެ.




ގުޅުންހުރި
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ޑްރަގު އެތެރެކުރި މައްސަލައިގައި ހިމެނޭ ދެ މީހުންގެ
މާލޭގެ ގެއެއް ބަލައި ފާސްކޮށް، ޑްރަގާއެކު ބަޔަކު ހައްޔަރުކޮށްފި
ދެ ތަނެއް ބަލައިފާސްކޮށް، ޑުރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
މައުލޫމާތު ނުދިން 500 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފިން: އިހުސާން
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް