228 ސިޔާސީ މުވައްޒަފުން ވަކިކުރަން އަންގައިފި، މަހަކު 5.7 މިލިއަން ސަލާމަތްވާނެ!

ރައީސް ޑރ. މުހައްމަދު މުއިއްޒު ---

ދައުލަތުގެ ހަރަދުކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ރައީސް ޑރ މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

ރައީސް މުއިއްޒު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް 15 ދުވަސް ތެރޭގައި އެ މުވައްޒަފުން ވަކިކުރަން އެންގެވީ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ސީދާ ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އެގޮތުން ރައީސް ވަނީ 7 ސްޓޭޓް މިނިސްޓަރަކާއި 43 ޑެޕިއުޓީ މިނިސްޓަރަކާއި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި69 ޕޮލިޓިކަލް ޑިރެކްޓަރުން ވަކިކުރަން އަންގަވައިފަ އެވެ.

”މި ފިޔަވަޅުތަކާއެކު ސަރުކާރުގެ ބަޖެޓުން މަހަކު 5.714 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ،“ ރައީސް ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމަށް އައީ ސިޔާސީ މަގާމުތައް 700 އަށްވުރެ އިތުރު ނުކުރުމަށް ވައުދުވެގެންނެވެ. ނަމަވެސް މިއަދާ ހަމައަށްވެސް ސަރުކާރުގައި ތިބި ސިޔާސީ މަގާމުތަކުގެ ސީދާ އަދަދެއް ހާމަކޮށްފައެއް ނުވެ އެވެ. ނޫސްވެރިން އެ ސުވާލު ތަކުރާރުކޮށް ކުރި ނަމަވެސް އެ ސުވާލަށް ސަރުކާރުން ޖަވާބު ދީފައެއްވެސް ނުވެ އެވެ.