ނޮވެމްބަރ 21, 2024

ރާއްޖެއަށް އެތެރެވާ 4.5 ބިލިއަން ޑޮލަރުން ރާއްޖެއަށް ލިބެނީ 23 ޕަސަންޓު: މުނައްވަރު

ޓޫރިޒަމް އިންޑަސްޓްރީން މެދުވެރިކޮށް ރާއްޖެއަށް އެތެރެވާ ބޭރު ފައިސާގެ ތެރެއިން ރާއްޖެއަށް ލިބެނީ އެންމެ 23 ޕަސަންޓް ބޭރު ފައިސާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ގައުމީ ޔުނިވާސިޓީގައި މިއަދު ފެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ ރާއްޖެއށް އަހަރެއްގެ މައްޗަށް 4.5 ބިލިޔަން ޑޮލަރު ޓޫރިޒަމް ދާއިރާއިން ވަންނަ ކަމަށެވެ. ނަމަވެސް ޓެކްސްއާއި އެހެނިހެން ގޮތްގޮތުން އެމްއެމްއޭއަށް ލިބެނީ 23 ޕަސަންޓު ބޭރު ފައިސާ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

”ބޭންކިން ސިސްޓަމު ތެރެއަށް އަޅުގަނޑުމެންގެ ހިސާބުތަކުން މި ފެންނަނީ ކޮންމެ އަހަރަކު، މިސާލަކަށް މިދިޔަ އަހަރު ކަމަށް ބެލިޔަސް ގާތްގަނޑަކަށް އެވްރެޖުކޮށް ޓޫރިޒަމް އިންޑަސްޓްރީއަށް އެބަލިބޭ ގާތްގަނޑަކަށް 4.5 ބިލިއަން ޑޮލަރު. އޭގެ ތެރެއިން ބޭންކިން ސިސްޓަމުގެ ތެރެއަށް މިދިޔަ އަހަރުތެރޭ އިންފްލޯވެފައި މިވަނީ ގާތްގަނޑަކަށް 2.3 ބިލިއަން. އޭގެ ތެރެއިން ހަމައެކަނި 10 އިންސައްތަ މާރުވަނީ.“ މުނައްވަރު ވިދާޅުވި އެވެ.

މިދިޔަ އަހަރު ޓޫރިޒަމް އިންޑަސްޓްރީއަށް 2.3 ބިލިޔަން ޑޮލަރު ރާއްޖެއަށް އެތެރެވި ނަމަވެސް އޭގެ ތެރެއިން ބޭންކަށް މާރުކޮށްފައިވަނީ އެންމެ 10 އިންސައްތަ ޑޮލަރު ކަމަށް މުނައްވަރު ވިދާޅުވި އެވެ.

”އަސްލު ހަގީގަތަށް ބަލާއިރު ބޭންކިން ސިސްޓަމުގެ ތެރެއަށް މާރުވަނީ އޭގެ ވަރަށް ކުޑަކުޑަ އިންސައްތައެއް. ގާތްގަޑަކަށް ފަސް އިންސައްތަ. އިންފްލޯގެ ތެރެެއިން 23 އިންސައްތަ އެހެންނަމަވެސް ރިސީވްޑް ޓޯޓަލް އިންޑަސްޓްރީއަލް ބަލާއިރު ފަސް ފަސަންޓު“ މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ ރާއްޖޭގެ ބޭންކިން ނިޒާމު ކުރިއަރާނީ ކޮންމެވެސް ވަރަކަށް ބޭންކަށް ޑޮލަރު މާރުކުރެވިގެން ކަމަށެވެ.