ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް އެހެން ވިދާޅުވީ، ދައުލަތުގެ ބެޖެޓުން ހަރަދުކުރުމަށް ފަހު، ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް ނުވައްދާ ރެކޯޑު ނުކޮށް ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށް މި ސަރުކާރުން ބުނުމުން އެކަން އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދޮގު ކުރެއްވުމުންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ، މިއަދު ފެންނަނީ މިދިޔަ ސަރުކާރުން ލިބުނު ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ނަހަމަ ގޮތުގައި ކުރަމުންދިޔަ ކަންކަން ފަސްއަޅާ ފޮރުވުމުގެ ނަތީޖާ ކަމަށެވެ.
”ދިވެހި ދައުލަތަށް ކޮވިޑުގެ ދުވަސްވަރު ލިބުނު އެހީތަކުގެ ތަފުސީލުވެސް ފޮރުވާފައިވަނީ މިބީދައިން. ގާނޫނު އަސާސީއާއި ހިލާފަށް ކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ޖަވާބުދާރީ ވާން ޖެހޭނެ،“ ނައިބު ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
ރައީސް އޮފީހުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުތަކުގައި ޕޯސްޓްކުރަން އެދިފައިވާ ޖުމުލަ 2.5 ބިލިއަން ރުފިޔާގެ ބިލުތަކަށް މި އަހަރުގެ ބަޖެޓުން ޖާގަ ދޭން ޖެހިފައިވާ ކަމަށެވެ.
އަދި ބަޖެޓުގައި ކުދި އަދަދުތަކެއް ޖެހުމަށްފަހުވެސް ހަރަދުކޮށްފައި ހުރުމުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ކޭޝްފްލޯގެ ދަތިކަމެއް ކުރިމަތިވާ ކަމަށްވެސް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ މި އަދަދުތައް މި އަހަރުގެ ބަޖެޓުގައި ހިމެނުމަކީ ގާނޫނާއި ހިލާފުކަމެއް ކަމަށާއި އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަމުގައި ގާނޫނާ ހިލާފު ކަންތައްތަކެއް ހިންގާފައި ހުރުމުން އެ ފަރާތްތަކުގެ މައްސަލަ ބަލައި ގާނޫނީ ގޮތުން އަަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.




ގުޅުންހުރި
އަޅުގަނޑުގެ މޭޔަރުކަމަށްފަހު މާލެ ސިޓީ ކައުންސިލަށް މަސައްކަތެއް ކުރެވިފައެއް ނެތް: ރައީސް
ޖުމުލަ ހަރަދު 34.1 ބިލިއަނަށް، ބަޖެޓު ޑެފިސިޓް ބިލިއަނަކާ ގާތަށް
ވައްޑެ، ރައީސް މުއިއްޒަށް: 8 ކުލާސްރޫމް ހެދުމަކީ އަދި 8 މަޝްރޫއު
މަޝްރޫއުތައް ހަވާލުކުރީ ޖުމްލަ 2.71 ބިލިއަން ރުފިޔާއަށް، ބޯހިޔާވަހިކަމަށް ބިލިއަނެއް
ސިވިލް ސާވަންޓުންގެ މުސާރައަށް ގެންނަ ބަދަލުތައް އާންމުކޮށްފި
ޕެންޝަން އޮފީހުން ސަރުކާރަށް 2 ބިލިއަން ދިނުން: ބޯޑުން ޝަރުވަޝް އިސްތިއުފާ