ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންނާ ހަނގުރާމަކުރަނިކޮށް، އެ މައިދާނުގައި ޝަހީދުވާ މީހުންގެ މައްޗަށް ކަށުނަމާދުކުރުން ނޯންނަ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންގެ ވެރިންގެ މައްޗަށް އިސްލާމީ ބޮޑެތި ގައުމުތައް ކަމަށްވާ ތުރުކީ، ބަންގްލަދޭޝް އަދި ޕާކިސްތާން ފަދަ ގައުމުތަކުގައި ކަށުނަމާދު ކުރި ނަމަވެސް ރާއްޖޭގައި ކަށުނަމާދު ނުކުރާތީ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.
އެގޮތުން މިދިޔަ ޖުލައި މަހުގެ ތެރޭގައި އަވަހާރަކޮށްލި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އާއި އޭނާގެ ފަހުން އެ ޖަމާއަތުގެ ވެރިއަކަށް ހަމަޖައްސާފައި ހުއްޓައި މިދިޔަ ބުދަ ދުވަހު އަވަހާރަކޮށްލި ޔަހްޔާ ސިންވާރުގެ މައްޗަށްވެސް ރާއްޖޭގައި ކަށުނަމާދު ކޮށްފައެއް ނުވެ އެވެ.
އަމިއްލަ ފޭސްބުކް އެކައުންޓުގައި ޝަހީމު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އިސްލާމްދީނުގެ ޖުމުހޫރު އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންނާ ހަނގުރާމަކުރަނިކޮށް މައިދާނުގައި ޝަހީދުވާ މީހުންގެ މައްޗަށް ކަށު ނަމާދު ކުރުމެއް ނޯވެ އެވެ. އެގޮތަށް ކަށު ނަމާދު ކުރެވިދާނެ ކަމަށް ދެކެނީ ވަރަށް މަދު އިލްމުވެރިއެއް ކަމަށާއި ޖާއިޒުކަމަށް ދެކޭ އިލްމުވެރިންވެސް އެއީ ވާޖިބު ކަމެއް ނޫން ކަމަށް ވިދާޅުވާ ކަމަށެވެ.
ޝަހީމު ވިދާޅުވީ ދީނުގެ ކަންކަމުގައި އަމަލުކުރަންވާނީ ދީނުގައި އޮންނަ ރަނގަޅު ގޮތަށް އަދި ކީރިތި ރަސޫލާގެ ސައްހަ ސުންނަތުގައި އޮންނަ ގޮތަށް ކަމަށެވެ.
”އުހުދު ހަނގުރާމައިގައި ޝަހީދުވި މާތް ސަހާބީންގެ މައްޗަށް ކީރިތި ރަސޫލާ ކަށުނަމާދު ކުރައްވާފައި ނުވެއެވެ. އެ ހަނގުރާމައިގައި އެ ކަލޭގެފާނުގެ މާތް ބޮޑު ބޭބޭފުޅު ހަމްޒަތުގެފާނުގެވެސް ޝަހީދުވެވަޑައިގެންނެވި އެވެ. ހަމްޒަތުގެފާނުގެ މައްޗަށްވެސް، އެހެން ބޭކަލެއްގެ މައްޗަށްވެސް ވަޅުލުމުގެ ކުރިން ކަށު ނަމާދުކުރައްވާފައި ނުވެއެވެ. ޝަހީދުން ވަޅުލަނީ ނުހިނަވައި އެ މީހުންގެ ލެއާއެކުގައެވެ. ޝަހީދުންގެ މައްޗަށް ކަށު ނަމާދު ކުރުމެއް ނެތެވެ. ޝަހީދުންނަކީ މަރުވިޔަސް، ދިރި ތިބި ބައެކެވެ. ޝަހީދުންގެ މައްޗަށް އޮތީ ހެޔޮ ދުއާކުރުމެވެ.“ ޝަހީމު ވިދާޅުވި އެވެ.




ގުޅުންހުރި
އެކަނިވެރި މައެއްގެ މާލީ ހިސާބުތައް އާންމުކުރެވުމުން ޝަހީމް މައާފަށް އެދިއްޖެ
އެކަނިވެރި މަޔަކު ޝަކުވާ ކުރުމުން މާލީ ހިސާބުތައް އާންމުކުރުމަށްފަހު, ޝަހީމްގެ ޕޯސްޓް
ބަޖެޓުން މިލިއަނެއްހާ ރުފިޔާ ދޭ މީޑިއާއެއްގެ ހިއްސާދާރުންގެ ތެރޭ ޝަހީމްގެ ދަރިކަލުން
މާލޭގައި 12 ބުރީގެ ވަގުފް އިމާރާތެއް ހަދަން 39 މިލިއަން ރުފިޔާއަށް
ޒާހިރު، ޝަހީމަށް: ރިބާގެ ހުތުބާ އާއި ވެރިމީހާގެ މަސްއޫލިއްޔަތާ ގުޅޭ ހުތުބާ
ހުޅުމާލެ ފޭސް 2 ގައި 3،000 މީހުންގެ ޖާގައިގެ 2 މިސްކިތް