ބާރު ސްޕީޑުގައި ދުއްވި ސްޕޯޓްސް ކާރަކުން ޖެހި ޒުވާނަކު މަރުވި މައްސަލައިގައި އެ ކާރު ދުއްވި ސ. ހިތަދޫ/ ވައިލެޓްފެހި، މުހައްމަދު ވިސާމް ސިދުގީގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުންގެ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން މިދިޔަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު ހިނގި އެ އެކްސިޑެންޓުގައި މަރުވެފައިވަނީ ލ. އިސްދުއަށް ނިސްބަތްވާ ހަސަން ސަމާހު، 26އ. އެވެ.
އެ މައްސަލައިގައި ހަމަ އެ ދުވަހު ކާރު ދުއްވަން އިން ސ. ހިތަދޫ/ ވައިލެޓްފެހި، މުހައްމަދު ވިސާމް ސިދުގީ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ.
ފުލުހުން މިއަދު ބުނީ، އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހުގައި މިދިޔަ ހޮނިހިރު ދުވަހު އެދިފައިވާ ކަމަށެވެ.



