ސިނގިރޭޓު ބޯ މީހުންނަށް އާސަންދަ ނުދޭން މުހައްމަދު އިސްމާއިލް ގޮވާލައިފި

ސިނގިރޭޓު ބޭނުންކުރާ މީހުންނަށް އާސަންދައިން ބަލިވެގެން ބޭސްފަރުވާ ނުދޭން ހިމަނަންޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ވޭޕް އެތެރެކުރުން މަނާކުރާ ތާރީހާ ހަމައަށް، އެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށާއި ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ މި ބިލަކީ ދައުލަތަށް އާމްދަނީއެއް ހޯދަން ހުށަހަޅާފައިވާ ބިލެއް ކަމަށް ބުނެ ބައެއް މެންބަރުން ވާހަކަދައްކަވަމުންދާ ކަމަށާއި އެއީ ހަގީގަތެއް ނޫން ކަމަށެވެ.

އަދި ރާއްޖޭގެ އާބާދީގެ 37 ޕަސެންޓަކީ ޒުވާނުންނަށްވާއިރު އޭގެ ތެރެއިން ބޮޑު ޕަސެންޓެއް ވޭޕް ބޭނުންކުރަމުންދާ ކަމަށާއި އުމުރުން ހަތް އަހަރުގެ ކުޑަކުދިންވެސް އެ ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ. އެއީ ބަލަން ތިބެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވޭޕާއި ސިނގިރޭޓުން ޑިއުޓީ ބޮޑުކުރުމަށް މަޖިލީހަށް ބިލެއް ފޮނުވާފައި ވަނީ އާމްދަނީ ހޯދަން ނޫން ކަމަށާއި އެއަށްވުރެ މާމާތް މަގުސަދެއްގައި ކަމަށެވެ. އެއީ ރާއްޖޭގެ ރައްޔިތުންނަށް ދުޅަހެޔޮ މުސްތަގުބަލެއް ގާއިމުކޮށްދިނުމަށްޓަކައި، ވޭޕްގެ ތެރޭގައި ހަލާކުވެގެންދާ ޒުވާން ޖީލު ރަނގަޅުކޮށް މުޖުތަމައަށް އަނބުރާ ގެނައުން ކަމަށްވެސް ވިދާޅުވި އެވެ.

”އަޅުގަނޑު ގޮވާލަން މި ސިނގިރޭޓުގެ އަމަލުތައް ކޮށްގެން ބޮޑެތި ބަލިތަކަށް އާސަންދައިން ފަރުވާ ކުރާކުރުން، މި ސިނގިރޭޓު ބައްލަވާ އެއްވެސް ފަރާތަކަށް މި އާސަންދައިން ބަލިވެގެން ބޭސްކޮށްނުދިނުންވެސް މި ބިލުގެ ތެރޭގައި ނިމިގެން އަންނައިރު އޮތުން ވަރަށް ބޮޑަށް ފާހަގަކުރަން،“ މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.