މަންމައަށް އަނިޔާކޮށް، ވަޅިން ބިރު ދައްކައި މަރާލާނެ ކަމަށް ބުނި ދަރިފުޅު ހައްޔަރުކޮށްފި

އަމިއްލަ މަންމައަށް އަނިޔާކޮށް މަރާލާނެ ކަމަށް ބުނެ އިންޒާރު ދިން ދަރިފުޅު ހައްޔަރުކޮށްފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މައްސަލަ ފެންމަތިވީ ހުޅުމާލެ ފޭސް 2ގެ އެޗް13 ގެ އެޕާޓްމަންޓަކުން އަންހެނަކު ރޯ އަޑު އިވޭ ކަމަށް ބުނެ އިއްޔެ އިރުއޮއްސުނު ވަގުތު ލިބުނު ރިޕޯޓަކުން ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން ފުލުހުން ގޮސް އެ އެޕާޓްމަންޓްގެ ދޮރުގައި ޓަކި ޖެހުމުން އަނިޔާ ލިބިފައި ހުރި އަންހެނަކު ދޮރު ހުޅުވި ކަމަށް ބުންޏެވެ.

”އެ އަންހެން މީހާގެ ދަރިފުޅު ހ. އެހަދަ، މުހައްމަދު އިސްމާއިލް، 28އ. އެ އަންހެން މީހާއަށް އަނިޔާކޮށް، ވަޅިން ހަމަލާދީ މަރާލާނެ ކަމަށް ބުނެ އިންޒާރުދީ އަދި ފޯނު ފޭރިގެން ގޮސްފައިވާ ކަމަށް ބުނެފައިވޭ،“ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން މުހައްމަދު އިސްމާއިލް މިއަދުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އަންހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ.