ބިދޭސީންނާ ގުޅޭ އެކި ފީތަކުން ދައުލަތަށް ލިބެންޖެހޭ ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދިފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ޖޫން މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ސަރުކާރުން ވަނީ ބިދޭސީންނާ ގުޅޭ ފީތައް ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރަން ފަށައިފަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ވިސާ ފީ، ވޯކް ޕާމިޓް ފީ، ކޯޓާ ފީ އަދި ޖޫރިމަނާގެ ގޮތުގައި މިދިޔަ ޖޫން 3ގެ ނިޔަލަށް ދައުލަތަށް 1.7 ބިލިއަން ރުފިޔާ ނުލިބި އޮތް ކަމަށެވެ.
”މިއަދު މި ވަގުތާ ހިސާބަށް މިހާރު ދައުލަތަށް ނުލިބިފައިވަނީ 703،799،250 ރުފިޔާ. އެހެންމަ އަޅުގަނޑުމެންނަށް މި ވަނީ ގާތްގަނޑަކަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫން 3، އިން މިހާ ހިސާބަށް އައިއިރުގައި ރިކަވާ ކުރެވިފައި،“ އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފައިސާ ނުދައްކާ ފަރާތްތައް އިމިގްރޭޝަންގެ އެކްޕެޓް ސިސްޓަމުން ބްލޮކްކޮށް ހިދުމަތް ދިނުން ހުއްޓާލައިފައިވާ ކަމަށާއި އެ ފަރާތްތަކަށް ހިދުމަތް ދޭނީ ފައިސާ ދެއްކުމުން ކަމަށެވެ.



