ދަރުމަވަންތައާ އިންވެގެން އޮންނަ ބިމުގައި ކެންސަރު ހޮސްޕިޓަލަށް 25 ބުރީގެ ޓަވަރެއް ހަދަނީ

ދަރުމަވަންތަ ހޮސްޕިޓަލް ---

ކެންސަރު ހޮސްޕިޓަލްގެ ގޮތުގައި ހަދަން ނިންމާފައިވަނީ 25 ބުރީގެ އިމާރާތެއް ކަމަށް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސް އިން ބުނެފި އެވެ.

މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގުރޫޕްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ އެންމެ ބޮޑު އެއް މަސައްކަތަކީ އައިޖީއެމްއެޗްއާ އިންވެގެން ކެންސަރަށް ހާއްސަކޮށްގެން އިމާރާތެއް ހެދުން ކަމަށެވެ. އެ އިމާރާތުން އިތުރު ދާޢިރާތަކުގެ ގިނަ ހިދުމަތްތައްވެސް ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.

”ކެންސަރު ހޮސްޕިޓަލް އަޅާނީ އައިޖީއެމް ހޮސްޕިޓަލް ބިމުގައި މިހާރު ޕާކިން އޭރިއާ އޮތް ހުސް ބިމުގައި. އެއީ 25 ބުރީގެ އިމާރާތެއް.“ ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން އިމާރާތުގެ ޑިޒައިން އާއި ކޮންސެޕްޓްގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ. އަދި އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓުގައި އޭގެ ޑީޓެއިލް ކުރެހުންތަކާއި ކޮންޓްރެކްޓްކުރަން ކުރަންޖެހޭ މަސައްކަތްތައް ހިމެނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ދައުރު ނިމުމުގެ ކުރިން ކެންސަރަށް ފަރުވާދިނުމަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ކެންސަރު ހޮސްޕިޓަލެއް އަޅުއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް، އެ މަސައްކަތް ކުރިއަށްގެންދެވިފައެއް ނުވެ އެވެ.