ޔާމީން ބިރުން އުޅެނީ ވަގަށް ނެގި ފައިސާ އަތުލައިފާނެތީ: ފަލާހު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ވެރިން އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑު ވިދާޅުވަމުންދަނީ އެ މަނިކުފާނު ވަގަށް ނަގައިފައިވާ ފައިސާތައް ދައުލަތަށް އަތުލައިފާނެތީ ބިރުން ކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން އޭސީސީއާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްުޖުމްހޫރިއްޔާއަށް ދޭ ގޮތަށް ވަނީ ބިލެއް ހުށަހަޅައިފަ އެވެ.

އެ ކަމާ ގުޅިގެން ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ޕީއެންއެފުން ބާއްވާ ޖަލްސާތަކުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވެފައިވަނީ ސަރުކާރުން އުޅެނީ އޭސީސީއަށް ނުފޫޒު ފޯރުވައި މި ސަރުކާރުން ހިންގަމުންދާ ހިޔާނާތުގެ މައްސަލަތައް ފޮރުވަން ކަމަށެވެ.

އޭސީސީގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ، މިހާރު ރާއްޖެ މިއޮތީ އިގްތިސޯދީ ގޮތުން ވަރަށް ދަތި އުނދަގޫ ހާލަތެއްގައި ކަމަށެވެ. ފަލާހު ވިދާޅުވީއެ އުނދަގޫ ތަހައްމަލުކުރަން ޖެހުނީ މީގެ ކުރިން ވެރިކަން ކޮށްފައި ތިބި ވެރިން ފަސް އަހަރު ސަރުކާރުތައް ހިންގާފައި ހުރި ގޮތުން ކަމަށެވެ.

ކުރީގެ ރައީސުން ކޮރަޕްޝަން ހިންގައި ބޮޑެތި ވައްކަންތައްކޮށް، ދައުލަތުގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ. 2013 އިން 2018 އާ ދޭތެރޭ ހިންގާފައި ހުރި ޕްރޮޖެކްޓްތައް ހިންގާފައި ހުރީ އެ ޕްރޮޖެކްޓްތަކުގެ އަގާ އެއްވަރަށްތޯ ބަލަންޖެހޭ ކަމަށް ފަލާހު ވިދާޅުވި އެވެ.

”10،000 ރުފިޔާއަށް ހިންގަންޖެހޭ ޕްރޮޖެކްޓެއް އޭރު ހިންގަން ހުރި ވެރިމީހާގެ ޖީބަށް 10 ލާފަ ޕްރޮޖެކްޓަށް 10 ވީމަ 20 ވާނެ އިއްޒަތްތެރި ރައީސް. އެ ކަންކަން ފެންނަން އެބަހުރި. ރައީސް ޔާމީން ހާއްސަކޮށް ފާހަގަކޮށްލަންޖެހޭ. އެތައް މިލިއަން ރުފިޔާއެއް މިހާރު ވެސް ދައުލަތުން ނަންގަވައިގެން ރޭގަނޑަށް ހަ މީހުން ލައިގެން ހަ މީހުންނަށް މަހު މުސާރަ ދީގެން އެ ޖަލްސާ އެ ކުރައްވަނީ“ ފަލާހު ވިދާޅުވި އެވެ.

ޔާމީންގެ އެކައުންޓުތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައާއި އެ މަނިކުފާނުގެ ގެކޮޅުގައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައި އެބަހުރި ކަމަށް ފަލާހު ވިދާޅުވި އެވެ.

އެ ހުރިހާ ފައިސާތަކެއް ހުރުމުން ޔާމީން އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ، އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަނުކުރައްވަފާނެތީ އެކަމުގެ ބިރަކުން ނޫން ކަމަށާއި ޔާމީން އުޅުއްވަނީ، އެ ކޮމިޝަނަށް އައްޔަނުކުރާ ގާބިލު ބޭފުޅުން ”ފޮށި ފޮށީގައި ހުރި ލާރި“ ގެނެސް ދައުލަތަށް ޖަމާކޮށްފާނެތީ ކަމަށެވެ.

”ރާއްޖޭގެ އެތެރޭގައާއި ރާއްޖެއިން ބޭރުގައި އަދި ގޭގައާއި، ގޭގައި ވެސް ހުންނާނީ ދެ ބަޔަށް. އެއީ އަނބިކަމަނާގެ ކޮޓަރިކޮޅުގައި ވަކި ބައެއް. ފިރިކަލުންގެ ކޮޓަރިކޮޅުގައި ވަކި ބައެއް. ދެ ފޮށި ހުންނާނެ. މި އެއްޗިހި ކޮމިޝަންތަކުން ހޯދަފާނެތީ މި ކަންބޮޑުވަނީ،“ ފަލާހު ވިދާޅުވި އެވެ.

މި ސަރުކާރުން ކޮރަޕްޝަން ހިންގައިފައިވާ ކަމަށް ތުހުމަތުކޮށް ދެއްކޭނެ ވާހަކައެއް ނޯންނާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.