ނޮވެމްބަރ 24, 2024

އަހަރުގެ އެންމެ މޮޅު ނޫސްވެރިޔަކަށް ޝަނާ، އެންމެ އުއްމީދީ ނޫސްވެރިޔަކަށް ޔަމީން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބޭއްވި މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އިނާމުގައި އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް މިހާރު ނޫހުގެ ބިޒްނަސް ޑެސްކުގެ ހެޑް، ފާތިމަތު ޝަނާ މުހައްމަދު ހޯދައިފި އެވެ.

އުމަރު ޒާހިރު އޮފީސް ބިލްޑިންގުގައި ބޭއްވި ހަފުލާގައި އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ޝަނާއާ ހަވާލުކޮށްދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑަށް ޝަނާ އާއެކު ފަސް ނޫސްވެރިއަކު ވާދަކުރި އެވެ. އެއީ ޝަނާގެ އިތުރުން ’ވަން‘ އޮންލައިންގެ މުހައްމަދު ޝަމްއޫން، ’އަދަދު‘ ނޫހުގެ އައްޒާމް އަލިފުޅު، ’ވަގުތު‘ އޮންލައިންގެ މުހައްމަދު ޔާމީން އަދި ’ދައުރު‘ ނޫހުގެ މުހައްމަދު މުޒައްޔިން ނާޒިމެވެ.

މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑުގައި އުމުރުން 31 އަހަރުގެ ޝަނާ ވަނީ ވިޔަފާރިއާއި އިގުތިސާދީ ދާއިރާ އިންވެސް އެވޯޑް ހޯދައިފަ އެވެ.

މިދިޔަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑް ހޯދީ ’ނުކުތާ’ގެ ކޯ ފައުންޑަރު މުހައްމަދު ޔަމީން އެވެ. އޭނާއަކީ 2022 ވަނަ އަހަރު ސަން އޮންލައިން އިން ނޫސްވެރިކަން ފެށި ޒުވާން ނޫސްވެރިއެކެވެ.