އަންނަ އަހަރު 1.5 ބިލިއަން ރުފިޔާގެ ހައުސިން މަޝްރޫއު ހިންގާނަން: ރައީސް

އަންނަ އަހަރަށް ލަފާކޮށް މިއަދު ހުށަހަޅާ ދައުލަތުގެ ބަޖެޓުގައި ޖަހައިގެން 1.5 ބިލިއަން ރުފިޔާގެ ހައުސިން މަޝްރޫއު ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނަށް އެކި ކަންކަން މަގުފަހިކޮށްދޭނެ ކަމަށެވެ.

އެގޮތުން ކޮންމެ މީހަކަށްވެސް އެންމެ މުހިންމީ ގެދޮރުވެރިކަން ކަމަށްވާއިރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާ ބަޖެޓަކީ ރާއްޖޭގެ ތާރީހުގައި އެންމެ ފުޅާ ދާއިރާއެއްގައި ގެދޮރުވެރިކަމަށްޓަކައި މަގުފަހިކޮށްދޭ ބަޖެޓަށްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ ބަޖެޓަށް އެ މަނިކުފާނު ކިޔަނީ ބޯހިޔާވަހިކަމުގެ ބަޖެޓެވެ.

”ގެދޮރުވެރިކަން ހާސިލުކުރުމަށް މިއަދު ހުށަހެޅޭ ބަޖެޓުން ދެ ކަމެއް ހަމަ ދަންނަވާލަން ބޭނުން. އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި ފިޒިކަލް ކޮންސްޓްރަކްޝަން ހައުސިން މަޝްރޫއުތައް 1.5 ބިލިއަން ރުފިޔާގެ މަސައްކަތް މި އަންނަ އަހަރު ހިނގާނެ. އަމަލީ ގެދޮރު ބިނާކުރުމަށް،“ ރައީސް ވިދާޅުވި އެވެ.

އަނެއް ކަމެއްގެ ގޮތުގައި ރައީސް ވިދާޅުވީ ގެދޮރު ހަދަން ދޭ ލުއި ލޯން ޕްރޮގްރާމް، ’ހިޔާވަހި ފައިނޭންސް ސްކީމް‘ އަށް ހާއްސަކޮށްފައިވާ އެއް ބިލިއަން ރުފިޔާ އެވެ.

ހިޔާވަހި ފައިނޭންސިން ސްކީމަކީ ގެދޮރު ހަދަން ބޭނުންވެފައިވާ މީހުންނަށް މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން ފަށަން ނިންމާފައިވާ ސްކީމެކެވެ. ފަސް ޕެސެންޓުގެ އިންޓްރެސްޓް ރޭޓުގައި ދޭ އެ ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ އެވެ.