ޕްރައިވެޓް އިނިޝުއަރެންސް އޮތަސް ޖީބުން ފައިސާ ދައްކަންޖެހޭނަމަ އާސަންދަ ލިބޭނެ

ޕްރައިވެޓް އިިންޝުއަރެންސް ހުސްނުވަނީސް އާސަންދަ ބޭނުން ނުކުރެވޭ ގޮތް ހެދުމުގެ ސަބަބުން އިންޝުއަރެންސްގެ ހިދުމަތް ދޭ ބައެއް ކުންފުނިތަކުގެ ކޭޝްލެސް ހިދުމަތް މެދުކަނޑާލުމާ ގުޅިގެން އެފަދަ ހާލަތްތަކުގައި އަމިއްލަ ޖީބުން ފައިސާ ދައްކަން ނުޖެހި، އާސަންދަ ލިބޭނެ ކަމަށް އެންސްޕާއިން ބުނެފި އެވެ.

ނޮވެމްބަރު 1 އިން ފެށިގެން އަމަލު ކުރަން ފެށި އާ އުސޫލުގައި އޮތީ އަމިއްލަ އިންޝުއަރެންސް ކަވަރޭޖެއް އޮތްނަމަ އާސަންދަ ލިބޭނީ އެ ކަވަރޭޖެއް ހުސްވުމުން ކަމަށެވެ.

ނަމަވެސް އާސަންދައިން ރޭ އާންމުކުރި ނޫސްބަޔާނެއްގައި ބުނީ ޕްރައިވެޓު އިންޝުއަރެންސްގެ ކަވަރޭޖު ނުވަތަ ހިދުމަތް ނުލިބޭ ހާލަތެއްގައި ނަމަ އެ ފަރާތަކަށް އާސަންދަ ސްކީމުން މިހާރު ވެސް ހިދުމަތް ލިބެމުންދާ ގޮތަށް ބޭސްފަރުވާގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

”އަމިއްލަ އިންޝުއަރަންސް ކުންފުނިތަކުން ކޭޝްލެސް ޕޭމަންޓު ހުއްޓާލުމުގެ ސަބަބުންކަމުގައިވިޔަސް އަމިއްލަ އިންޝުއަރަންސް ޕޮލިސީން ކަވަރޭޖު ނުލިބި އަމިއްލަ ޖީބުން ފައިސާ ދައްކަންޖެހޭ ހުރިހާ ހާލަތެއްގައި އާސަން ކަވަރޭޖު ކުރެކޭވެސް އެއްގޮތަށް ލިބިގެންދާނެ އެވެ،“ އާސަންދައިން ބުންޏެވެ.

އަމިއްލަ އިިންޝުއަރެންސެއް އޮތްނަމަ އެ ހުސްނުވަނީސް އާސަންދަ ބޭނުން ނުކުރެވޭ ގޮތް ކުއްލިއަކަށް ހެދުމަކީ، ހޮސްޕިޓަލްގެ ކައުންޓަރުން ހިދުމަތް ދިނުމަށް ލަސްތަކެއް އަންނާނެކަން އާންމުކުރުމާ ގުޅިގެންނެވެ.