ރައީސް ޑރ. މުހައްމަދު މުއިއްޒު، ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް، މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލަށް މިރޭ އަރުވައިފި އެވެ.
އެ އިއްޒަތް މޫސާ އަލީ ޖަލީލަށް އެރުވީ މިރޭ ދަރުބާރުގޭގައި ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.
އެ އިއްޒަތް، މޫސާ އަލީ ޖަލީލަށް އެރުވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ހިދުމަތްތަކާއި ގައުމުގެ އިސްތިގުލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްތަކާއި ހާއްސަކޮށް، 3 ނޮވެމްބަރު 1988 ގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއާ ގުޅިގެން، ދިވެހި ގައުމާއި ރައްޔިތުންގެ ދިފާއުގައި އޭނާ ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
ލާންސް ކޯޕްރަލް ރޭންކުގައި 3 ޖުލައި 1980 ގައި ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވި މޫސާ އަލީ ޖަލީލު، ދިވެހި އަސްކަރިއްޔާގައި 31 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި އިރު، އަސްކަރިއްޔާގެ އިސް މަގާމުތަކެއް އަދާކުރައްވައިފަ އެވެ.
އެގޮތުން އަސްކަރީ ގިނަ ޔުނިޓުތަކެއްގައި ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން، ކޯސްޓްގާޑުގެ ޑައިރެކްޓަރު ޖެނެރަލް ކަމާއި ދިވެހި އަސްކަރިއްޔާގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާކުރެއްވި އެވެ.
އަސްކަރީ ދާއިރާ އިން ރާއްޖެ އިން ބޭރުން ތަފާތު ގިނަ ކޯސްތަކާއި ތަމްރީނުތައް ފުރިހަމަކުރައްވައިފައިވާ މޫސާ އަލީ ޖަލީލަކީ، މާގިނަ ވަސީލަތްތަކަކާއި ބަޔަކު ނެތި އަދި ހާއްސަކޮށް، އަސްކަރީ ދާއިރާ އިން ތަމްރީނު ވެފައިވާ ސިފައިން ވަރަށް މަދު ދުވަސްވަރެއްގައި، އަސްކަރީ ގޮތުން މީހުން ތަމްރީނު ކުރެއްވުމަށާއި އަސްކަރީ ވިސްނުމާއި ފިކުރުގެ ތެރޭގައި ސިފައިން ގެންގުޅުއްވުމަށާއި ދިވެހި އަސްކަރިއްޔާގެ އިންފެންޓްރީ ޔުނިޓުތައް ހިންގެވުމުގައި، ބުރަ އަދި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
އޭނާއަކީ 3 ނޮވެމްބަރު 1988ގެ އެއް ބަތަލެވެ. އެ ހަމަލާ ކުރިމަތިވި އިރު، މޫސާ އަލީ ޖަލީލަކީ ސިފައިންގެ އެތެރޭގައި، ބަންޑާރަކޮށީގައި ހުންނެވި ބޭފުޅެކެވެ. އެއީ އޭރު ސިފައިންގޭގައި އޮންނަ ދެ ޝިފްޓުގެ ތެރެއިން އެއް ޝިފްޓުގެ ކޮމާންޑަރުގެ އިތުރުން ސިފައިންގޭގައި އޭރު އޮތް އިންފެންޓްރީ ޔުނިޓް ކަމުގައިވާ ޓާސްކް ފޯސްގެ ކޮމާންޑަރެވެ.
އަދި އޭނާއަކީ އޭރު ރާއްޖެ އިން ބޭރުން އަސްކަރީ ތަމްރީނު ފުރިހަމަކުރައްވައިފައި ސިފައިންގޭގައި އޭރު ތިއްބެވި މަދު އޮފިސަރުންގެ ތެރެއިން ޒުވާން އޮފިސަރެކެވެ.
ދުޝްމަނުން، ސިފައިންގެ މައި މަރުކަޒަށް ހަމަލާ ދޭން ފެށުމުން، ހަތިޔާރު ނަގައިގެން އެންމެ އަވަހަށް ދުޝްމަނުންނާ ދެކޮޅަށް ހަމަލާ ދެއްވަން ފެއްޓެވި ބޭފުޅުންގެ ތެރޭގައި، އޭރު ލެފްޓިނަންޓް ރޭންކުގައި ހުންނެވި، މޫސާ އަލީ ޖަލީލު ހިމެނިވަޑައިގެންނެވި އެވެ.
އަދި އެ ދުވަހުގެ ހަމަލައިގައި ސިފައިންގެ މަގުމަތީފާރުގެ ހުޅަނގު ދެކުނު ކަން، ދުޝްމަނުން ގޮއްވާލުމުން، އެ ތަނުން ދުޝްމަނުން ވަނަނުދީ، އެ ބާގަނޑު ކަވަރުކުރުމަށާއި ދުޝްމަނުން ހަމަލާ ދޭ ގޮތްތައް ދެނެގަނެ، ދުޝްމަނުންނަށް ރައްދުގައި ހަމަލާ ދިނުމަށް ސިފައިން ބައިތިއްބާނެ މަގާމުތައް ކަނޑައަޅައި، އެ ތަންތަނުގައި ސިފައިން ބައިތިއްބައި، ސިފައިންގެ މައި މަރުކަޒު ދިފާއު ކުރުމަށް އޭނާ ކުރެއްވި މަސައްކަތް ފާހަގަކޮށްލަންޖެހެ އެވެ.
މޫސާ އަލީ ޖަލީލަކީ އެ ދުވަހު، ދުޝްމަނުން ސިފައިންގެއަށް ހަމަލާދެމުން ގެންދަނިކޮށް، ދުޝްމަނުންގެ ހަރަކާތްތައް ހުރި ގޮތް ބެއްލެވުމަށް އަމިއްލަފުޅަށް އެދިވަޑައިގެން، ރެކީ ޕެޓްރޯލަށް ސިފައިންގެއިން ބޭރަށް ނުކުތް ހިތްވަރުގަދަ ޓީމުގެ ކޮމާންޑަރެވެ.
މޫސާ އަލީ ޖަލީލު، ދިވެހި އަސްކަރިއްޔާގައި އިހުލާސްތެރިކަމާ އެކުގައި އަދާކުރެއްވި ގައުމީ ހިދުމަތާއި ދެއްކެވި މަތިވެރި އަހުލާގުގެ ސަބަބުން، ޝަރަފުގެ ނިޝާނުގެ ގޮތުގައި، 9 ކުލައާއި 11 މެޑެލް ލިބިވަޑައިގެންފައިވެ އެވެ.
ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި ހާއްސަ ހިދުމަތުގެ ކުލަ، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ކާމިޔާބުގެ ކުލަ، ދިގު މުއްދަތެއްގައި ހިދުމަތް ކުރުމުގެ ކުލަ، އިހުލާސްތެރި ހިދުމަތުގެ ކުލަ، ސިފައިންގެ ހިދުމަތުގެ ކުލަ، އަހުލާގީ ކުލަ ހިމެނެ އެވެ. އޭގެ ތެރެއިން ކާމިޔާބުގެ ކުލައާއި އަހުލާގީ ކުލަ، ދެފަހަރު ލިބިވަޑައިގެންފައިވެ އެވެ.
ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، 3 ނޮވެންބަރުގެ މެޑެލް، ޖިހާދުގެ ރަތް މެޑެލް، ހުރަވީ ރަން މެޑެލް، ސައްތައިގެ މެޑެލް، ދިގު މުއްދަތެއްގައި ހިދުމަތް ކުރުމުގެ މެޑެލް، މަތިވެރި ހިދުމަތުގެ މެޑެލް، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، އިހުލާސްތެރި ހިދުމަތުގެ މެޑެލް، ސިފައިންގެ ހިދުމަތުގެ މެޑެލް، އަހުލާގީ މެޑެލް އަދި ނަމޫނާ އަސްކަރީ އިސް ހދުމަތްތެރިންގެ މެޑެލް ހިމެނެ އެވެ.
މޫސާ އަލީ ޖަލީލު ދިވެހި އަސްކަރިއްޔާ އިން ޝަރަފުވެރިކަމާ އެކުގައި ރިޓަޔާ ކުރެއްވީ 9 ފެބްރުއަރީ 2012 ގައެވެ. އޭގެފަހުން، ޑިފެންސް މިނިސްޓަރުގެ މަގާމާއި ރާއްޖެ އިން ޕާކިސްތާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމުގެ މަގާމު އަދާކުރެއްވި އެވެ.
3 Comments
ގުޅުންހުރި
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ޔޫކޭއަށް، ހުރިހާ ހަރަދެއް ކުރައްވާނީ އަމިއްލަފުޅަށް
ޕާޓީ ބަދަލުކުރުމުން މެންބަރުކަން ގެއްލޭ އިސްލާހު ރައީސް ވަގުތުން ތަސްދީގު ކުރައްވައިފި
ކަނޑުންނާއި ފަޅުން ދޫކޮށްފައިވާ ގޯތިތައް އަންނަ އަހަރު ހަވާލުކޮށް ނިންމާނަން: ރައީސް
އަންނަ އަހަރު މާލޭގައި 15،000 ފްލެޓް އަދި ރަށްރަށުގައި 12،900 ފްލެޓް
ސިޔާސީ ޕާޓީތައް ޖޫރިމަނާކުރެވޭ ބިލް ރައީސް ތަސްދީގު ކުރައްވައިފި
ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިފި