ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުން 2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓް ދިރާސާކުރާނެ ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އަދި ނައިބު މުގައްރިރަކަށް ފުވައްމުލަކު މެދުދާއިރާގެ މެންބަރު އަލީ ފަޒާދު އިންތިހާބުކޮށްފި އެވެ
މިދިޔަ ބުރާސްފަތި ދުވަހުގެ މަޖިލިސް ޖަލްސާގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހުށަހެޅުއްވި ބަޖެޓާ ގުޅިގެން މިއަދު ވަނީ ބަޖެޓު ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާފަ އެވެ.
ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފެށިއިރު މުގައްރިރަކަށް ހުންނެވީ ފަޒާދެވެ. ސަޕްލިމަންޓްރީ ބަޖެޓު ދިރާސާ ކުރިއިރު، ވެސް އެ ކޮމިޓީގެ މުގައްރިރަކަށް ވެސް ހުންނެވި ފަޒާދެވެ. ސަޕްލިމަންޓްރީ ބަޖެޓުގެ މުގައްރިރުންނާއި ނައިބު މުގައްރިރުން ބަޖެޓު ކޮމިޓީގެ ވެސް މުގައްރިރުންނަށް ކަމުގައި ހަމަޖެއްސުމަށް އެއްވެސް މެންބަރަކު އިންތިޒާރު ކުރަންތޯ ފަޒާދު އެއްސެވުމުން އެކަމާ އިދިކޮޅު އެމްޑީޕީގެ މެންބަރު ވަނީ ދެކޮޅު ހަދައިފަ އެވެ.
އެމްޑީޕީ މެންބަރުން އިއުތިރާޒު ކުރެއްވުމުން ފަޒާދު ވިދާޅުވީ، އޭނާ ވެސް ގަބޫލު ކުރާ ހަމައަކީ އެ މެންބަރުން ފާހަގަ ކުރި އުސޫލު ކަމަށެވެ. އެއާ އެކު، އިދާރީ މޭޒުން މުގައްރިރާއި ނައިބު މުގައްރިރު ހޮވުމާ ހަވާލުވި އެވެ. އެގޮތުން ފަޒާދުގެ ނަން މުގައްރިރަކަށް ހުށަހެޅުއްވީ، މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ޒަމީރު އަދި ތާއީދު ކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ އެވެ. ސަލީމްގެ ނަން ނައިބު މުގައްރިރަކަށް ހުށަހެޅުއްވީ މެންބަރު ސައުދުﷲ ހިލްމީ އަދި ތާއީދު ކުރެއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު އެވެ.
ބަޖެޓް ކޮމިޓީ އިން މަސައްކަތް ނިންމަން ފާސްކޮށްފައިވާ ތާރީޙަކީ 20 ނޮވެންބަރެވެ.
މި ބަޖެޓާކީ އަންނަ އަހަރަށް ހުށަހަޅާފައިވާ 56 ބިލިޔާން ރުފިޔާގެ ބަޖެޓެކެވެ. 2019ގެ ފަހުން އެންމެ ޑެފެސިޓް ކުޑަ އެ ބަޖެޓުގައި ތަރައްގީގެ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.




ގުޅުންހުރި
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ބޯހިޔާވަހިކަމަށް ބަޖެޓުގައި ޖެހި 1.8 ބިލިއަންގެ ތެރެއިން ހަރަދުކުރީ އެންމެ 10
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ