އަންނަ ހަފުތާގައި ވަގުތީ ލިސްޓު ނެރޭނަން، އަހަރު ނިމުމުގެ ކުރިން ފްލެޓް ހަވާލުކުރާނަން: ހައިދަރު

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު، ފްލެޓްތައް ބައްލަވާލައްވަނީ.--
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު، ފްލެޓްތައް ބައްލަވާލައްވަނީ.--

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިގަ ”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ފުލެޓް ލިބުނު ފަރާތްތަކުގެ ވަގުތީ ލިސްޓު މިއަންނަ ހަފުތާ ތެރެއިގައި އިއުލާނުކޮށް، މިއަހަރު ނިމުމުގެ ކުރިން އެ ފަރާތްތަކަށް ފުލެޓް ހަވާލުކުރާނެ ކަމަށް ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހައިދަރު ރޭ ވިދާޅުވީ ހައުސިން މިނިސްޓްރީން މިހާރު ކުރަމުންދީ ގެދޮރުވެރިޔާ ސްކީމުގެ ފުލެޓުތަކަށް ކުރިމަތިލި މީހުންގެ ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށެވެ. އެއަށްފަހު ފުލެޓް ލިބުނު ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާނެ ކަމަށެވެ.

”ވަގުތީ ލިސްޓަށް ޝަކުވާގެ ފުރުސަތު ވެސް ހުޅުވާލާފައި، އެމަސައްކަތް އެއްކޮށް ނިންމާފައި އިރާދަކުރެއްވިއްޔާ ފްލެޓްތައް ހަވާލުކުރާނަން މިއަހަރު ނިމުމުގެ ކުރިން،“ ހައިދަރު ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން 15،000 އަށްވުރެ ގިނަ ފަރާތުންވަނީ ފުލެޓު ހޯދުމަށް ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން 9،000 މީހުން ފުލެޓަށް ޝަރުތު ފުރިހަމަވާ ކަމަށް ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ. އަދި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން އަޅަމުންދާ 4،000 ފުލެޓުގެ ހައްގުވެރިންގެ ލިސްޓެއް ވެސް އެއިރު އިއުލާންކޮށްފަ އެވެ.

ނަމަވެސް އެ 4،000 ފުލެޓުގެ ހައްގުވެރިން ކަނޑައަޅައި އާންމުކުރި ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރިކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފާހަގަވުމުން، އެ ފަރާތްތަކަށް ފުލެޓު ދޫކުރުން ކުރިއަށް ގެންގޮސްފައިނުވެ އެވެ.

އެއަށްފަހު މި ސަރުކާރުން އެ ލިސްޓު އިވެލުއޭޓުކުރުމުގެ މަސައްކަތް ފެށި އެވެ.

އޭސީސީން ބުނެފައި ވަނީ ލިސްޓުގައި ނަން އޮތް 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށެވެ. ލިސްޓުގައި ޝަރުތު ހަމަވުމާއެކު އެއްވެސް މައްސަލައެއް ނެތީ 20.7 ޕަސެންޓެވެ. އަދި ޝަރުތު ފުރިހަމަ ވިޔަސް 19،7 ޕަސެންޓް ފޯމުގައި އެކި މައްސަލަތައް ހުރި ކަމަށެވެ.