ރާއްޖެއިން ދައްކަން ޖެހޭ އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު ދަރަންޏާއި ސުކޫކް ރީސްޓްރަކްޗާ ކުރުމުގެ މަޝްވަރާތައް ފަށައިފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ ރާއްޖެއިން ލޯނު ނުވަތަ ދަަރަނި ނަގައިފައިވަނީ އަވައްޓެރި ގައުމުތަކުން ކަމަށެވެ. ޒަމީރު ވިދާޅުވީ އަވައްޓެރި ގައުމުތަކުން ރާއްޖެއަށް ލޯނު ދީފައިވަނީ ރާއްޖޭގެ އިކޮނޮމިކް ރޭޓިންއަށް ބަލައިގެން ނޫން ކަމަށާއި އެ ދަރަނިތައް ދީފައިވަނީ އެ ގައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ ސަބަބުން ކަމަށެވެ.
ޒަމީރު ވިދާޅުވީ އަވައްޓެރި ގައުމުތަކުން ނަގައިފައިވާ އެ ލޯނުތައް އަނބުރާ ދެއްކުމުގައި ލުއި ގޮތްތައް ހޯދަން މަޝްވަރާ ފަށައިފައިވާ ކަމަށެވެ.
”ރައީސްގެ ވައުދުތަކަށް ފިސްކަލް ސްޕޭސް ކުރިއޭޓްކުރަން މިހާރު ވެސް 1.5 ބިލިއަން ޑޮލަރުގެ ދަރަނި ރީ ފައިނޭންސިންގެ މަޝްވަރާތައް ފެށިގެން އެބަދޭ،“ ޒަމީރު ވިދާޅުވި އެވެ.
ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ފެށި ނަމަވެސް އެކަން އެންމެ ރަނގަޅަށް ކުރެވެންހުރީ ކޮންސަލްޓެންޓެއްގެ އެހީގައި ކަމަށް ޒަމީރު ވިދާޅުވި އެވެ. ދެ ގައުމުގެ ސަރުކާރުން ވާހަކަ ދައްކައި މަޝްވަރާކޮށްގެން ކޮންސަލްޓެންޓެއް ހަމަޖެހިގެންދާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއިން އަމިއްލަ ފަރާތްތަކަށް 2026 ވަނަ އަހަރު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސްކޫކް ރީ ސްޓްރަކްޗާ ކުރުމަށް އެއްބަސް ވުމަކަށް އާދެވޭނޭ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. ސަބަބަކީ މިފަހުން ދިޔަ ކޮޕް ބައްދަލުވުމުގެ ތެރެއިން އެކަމަށް އެހީވާން ޖަމްއިއްޔާއަކާ އެކު ވަނީ ސޮއިކޮށްފައިވުން ކަމަށް ޒަމީރު ވިދާޅުވި އެވެ.
މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުމަށް ވާ އެހީއެއްގެ ގޮތުން އެ ސްކޫކު ރީސްޓްރަކްޗާކޮށްދޭން ރާއްޖެއިން އެ ފަރާތްތަކާ މަޝްވަރާކުރާނެ ކަމަށާއި އެއްބަސްވުމެއްގެ ދަށުން ރާއްޖެއިން ޖެހޭނީ ބައެއް ސަރަހައްދުތައް ހިމާޔަތްކޮށް ވެށި ހިމާޔަތް ކުރުމުގެ ގޮތުން ގާނޫނީ އޮނިގަނޑު ހަރުދަނާކުރަން ކަމަށް ޒަމީރު ވިދާޅުވި އެވެ.
”އެކަހަލަ އެއްބަސްވުމަކަށް އަންނަން ހަ މަހެއްހާ ދުވަސް ނަގާނޭ ކަމަށް އަޅުގަނޑުމެން މި ބަލަނީ،“ ޒަމީރު ވިދާޅުވި އެވެ.
ބަޖެޓް ފައިނޭންސިންއަށް ބޭރުގެ އެހީ އަދި ދަރަނިތައް ޑީފޯލްޓުނުވެ ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ.

ގުޅުންހުރި
އިގުތިސާދީ ދުވެލި ހުރީ ރަނގަޅު ސްޕީޑުގައި, ކަންބޮޑުވެ ހާސްވާންޖެހޭ ކަމެއް ނެތް:
ވިލުފުށި އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށައިފި، ރައީސް ވައުދުވީ 30 މަސް
ރައްޔިތުން ބޭނުން ނަމަ ވޭޕު ހުއްދަކޮށް، ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރާނަން: ފައްޔާޒު
މިމަހު އަނބުރާ ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި ދެއްކުން އިންޑިއާއިން
ދައުލަތުގެ ބަޖެޓުން ކުރި ޚަރަދުތައް 15.5 ޕަސެންޓް ދަށަށް
ލޯނު ދެއްކުމަށް ކަނޑައެޅި ބަޖެޓު ހުސްވެ، އިތުރަށް ހަރަދުކޮށްފި