އަންނަ އަހަރަކީ ލޮލަށް ފެންނަ އަދި އަތްލެވޭ ތަރައްގީގެ އަހަރު: އަބްދުއްރަހީމް

ރައީސް މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ---

އަންނަ އަހަރަކީ ރައްޔިތުންގެ ލޮލަށް ފެންނަ އަދި އަތްލެވޭ ތަރައްގީގެ އަހަރަށްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެއް އަހަރުވުމާއި ގުޅިގެން ދައުލަތުގެ މީޑިއާ އިން ގެނެސްދިން ޕްރޮގްރާމެއްގައި އަބްދުއްރަހީމް ވިދާޅުވީ، ރައީސްގެ އެއް އަހަރު ތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ކަމަށާއި ފަހަރެއްގައި އެ ކާމިޔާބުތަކުގައި އަތްނުލެވި ހިނގައިދާނެ ކަމަށެވެ.

އެހެން ނަމަވެސް ކޮންމެ ކާމިޔާބަކީ އަތްލެވޭ އަދި ލޮލަށް ފެންނަ އެއްޗަކަށް ނުވެ ދާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ މިސާލަކަށް އަބްދުއްރަހީމް ދެއްކެވީ ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެން ފައިސާ ޗާޕުކުރެއްވުން ހުއްޓާލެއްވުމެވެ. އެ މަނިކުފާނު ވިދާޅުވީ އެއީ އަތްލެވޭ ކާމިޔާބީއަކަށް ނުވި ނަމަވެސް އެއީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު ގައުމު އޮތް ގޮތަށް ބަލައި އަދި އިގުތިސާދީ ވިސްނުމަކުން ވިސްނާ ނަމަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުއިއްޒު ވަރަށް ގިނަ ކަންކަމަށް ވައުދުވެވަޑައިގެންނެވި ކަމަށާއި އެ ވައުދުތައް ފޮރުވަން ބޭނުންފުޅު ނުވާތީ، އެ ވައުދުތައް ފޮތަކަށް ތިރިކުރައްވައި ކައުންސިލްތަކަށް ދެއްވާފައިވާ ކަމަށެވެ. އަދި އެއްވެސް ސަރުކާރަކަށް، އެ ސަރުކާރު ވެރިކަމަށް އައުމަށްވީ ވައުދުތައް އެއް އަހަރު ދުވަހުގެ ތެރޭގައި ނުފުއްދޭނެ ކަމަށާއި އެކަމަށް ވަގުތު ނަގާނެ ކަމަށްވެސް ވިދާޅުވި އެވެ.

”އިރާދަކުރެއްވިޔާ އަންނަ އަހަރަކީ ރައްޔިތުންނަށް ލޮލަށް ފެންނަ، އަތްލެވޭ ތަރައްގީގެ އަހަރު،“ އަބްދުއްރަހީމް ވިދާޅުވި އެވެ.