ތައިލެންޑާއި ދުބާއީން އާސަންދަ ލިބޭނެ ދުވަސް ވަރަށް އަވަހަށް އިއުލާން ކުރާނެ: ހީނާ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑއިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، ތައިލެންޑާއި ޔޫއޭއީންގެ ދުބާއިން އާސަންދައިން ބޭސްފަރުވާ ކުރެވޭނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަކާ ބެހޭގޮތުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ އިސްބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށްގެން މިއަދު ބޭއްވި ބައްދަލުވުމުގައި، ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ދުބާއީ އާއި ތައިލެނޑުން އާސަންދައިގެ ހިދުމަތް ލިބޭނެ ދުވަހަކާ ބެހޭގޮތުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ، ދުބާއީއާއި ތައިލެންޑުން އާސަންދަ ލިބޭނެ ކަމަށް ރައީސް ވެ ވަޑއިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އެކަން ކުރެވޭނެ ކަމަށެެވެ.

އެކަމަށްޓަކައި އޫއޭއީ އާއި ތައިލެނޓްގެ ބައެއް ހޮސްޕިޓަލްތަކާއެކު މަސައްކަތްކުރެވި އެކަމާއިގެން ކުރިއަށްދެވޭ ހިސާބަށް ވާސިލްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެ ހިދުމަތް ލިބޭނެ ދުވަހަކާއި އެކަމާބެހޭ އިތުރު ތަފްސީލް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، ސަރުކާރުން ކިހާރު ކުރިއަށްގެންދަނީ ސިއްހީ ހިދުމަތުގެ ދާއިރާއިން އެކި ފަރާތްތަަކަށް ދޭންޖެހިފައިހުރި ފައިސާ ދިނުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން އާސަންދައިގެ ބިލްތަކަށް އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ސިސްޓަމްގެ ތެެރެއިން ދައްކަމުންގެންދާ ކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު މި އަހަރުގެ ހުސްވި ޖެނުއަރީމަހުގެ ތެރޭގައި ރައީސް ވިދާޅުވެފައިވަނީ ވަކި ދިމާއެއްގައި އޮންނަ ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ލިބޭ ހިދުމަތެއްގެ ގޮތުގައި އާސަންސައިގެ ހިދުމަތް އޮތުމަށް ބޭނުންފުޅު ނުވާ ކަމަށެވެ. އެހެންކަމުން ފެންވަރު ރަނގަޅު ގައުމުތަކަށް އާސަންދައިގެ ހިދުމަތް ފުޅާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ރައީސްގެ ވާހަކަފުޅުގައި އޭރު ވިދާޅުވީ ތައިލެންޑާއި ޔޫއޭއީނ އެހުދުމަތް ލިބޭނެ ގޮތް ހައްދަވާނެ ކަމަށެވެ.