އިޒްރޭލުން ގާޒާގައި ހިންގާ އަނިޔާވެރި އަމަލުތަކާ ގުޅިގެން އިޒްރޭލު ރައްޔިތުން ރާއްޖެ އަޔަނުދިނުމަށްޓަކައި، އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު“ އަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގެ މަސައްކަތް އަވަސްކުރަން ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކުރުމާ ދެކޮޅަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވޯޓު ދެއްވައިފި އެވެ.
އެ ގަރާރު ބޭރުކޮށްލުމަށް ތޯރިގު ފިޔަވައި ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ ހުރިހާ މެންބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ.
ދެން އެ ގަރާރު ބޭރުކޮށްލުމާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނާއި އެމްޑީއޭއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް، އަމިއްލަ މެންބަރު އަބްދުލް ރަހްމާނެވެ.
އެ ގަރާރު މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 15 މެންބަރުންނެވެ. ގަރާރު ބޭރުކޮށްލަން މަޖިލީހުގެ 63 މެންބަރުން ވޯޓު ދެއްވި އެވެ. ގަރާރު ބޭރުކޮށްލަން ވޯޓު ދެއްވީ ޕީއެންސީގެ 63 މެންބަރުންނާއި އެމްއެންޕީގެ މެންބަރެވެ.
މި ގަރާރުގެ ބަހުސްގައި އިޒްރޭލު ޕާސްޕޯޓު މަނާކުރުން އަވަސް ކުރުމަށް ވަކާލާތު ކުރުމުގެ ބަދަލުގައި ޕީއެންސީގެ މެންބަރުން ވިދާޅުވަމުން ގެންދެވީ އިޒްރޭލުގެ ޕާސްޕޯޓު މަނާކޮށްފި ނަމަ ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުން ވެދާނެ ކަމަށެވެ. އަދި ފަލަސްތީނުގެ ވަށައިގެން ތިބި ގައުމުތަކުން ނުކުރާ ކަމެއް ރާއްޖެއިން ކުރާއިރު ވިސްނަން ޖެހޭ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން މަނާ ކުރަން މިދިޔަ ޖޫން ގައި މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް އެވެ. އެ ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވަން މަޖިލީހުން ނިންމީ ޖޫން 10 ގަ އެވެ.




ގުޅުންހުރި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ވާދަވެރިން ވެސް ގުޅެންވީ ޕީއެންސީއާ، ކާމިޔާބު ހޯދާނެ ފަޅިއަކީ މިއީ: ޝަހީމް
ކައުންސިލުތަކުގެ ޒިންމާއަކީ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުން: ހަލީމް
ރާފިއު، ވާދަވެރިންނަށް: މަގުގެ އެއްކޮޅުން އަނެއްކޮޅަށް ދުއްވާލިޔަސް، ގެނެސްދިން ތަރައްގީ އެނގޭނެ!
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ޕީއެންސީއަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް، 80 ޕަސަންޓުން ކާމިޔާބުވާނެ: އާދަމް