ނޮވެމްބަރ 23, 2024

އައިކޮމްއިން، މިނިސްޓްރީ ޖޫރިމަނާކުރުމުން އިންފޮމޭޝަން އޮފިސަރު މަގާމުން ދުރުކޮށްފި

އިންފޮމޭޝަން ކޮމިޝަނަރު އޮފީސް (އައިކޮމް) އިން ބޭއްވ އަޑުއެހުމަކަށް ހައުސިން މިނިސްޓްރީއަށް ހާޒިރުނުވުމުގެ ސަބަބުން ޖޫރިމަނާކޮށްފައިވަނީ އެ މިނިސްޓްރީގެ މުވައްޒަފެއްގެ އިހުމާލުން ކަމަށްވާތީ އެ މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މަގާމުން ދުރުކޮށްފައިފވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ އެ  މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރަކަށް ލިޔުމުން އިންޒާރުދީ މިހާރު މަގާމުން ދުރުކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހައުސިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ހުށަހެޅުމަކަށް އެ މިނިސްޓްރީން އެއްވެސް ޖަވާބެއް ނުދިން މައްސަލަ ބެލުމަށް އައިކޮމް އިން މި މަހު ހަތްވަނަ ދުވަހަށް އަޑުއެހުމެއް ބޭއްވި އެވެ. ނަމަވެސް އެ އަޑުއެހުމަށް ހައުސިން މިނިސްޓްރީން ހާޒިރުވެފައެއް ނުވެ އެވެ. އަދި ހާޒިރުވެވެން ނެތް ސަބަބުވެސް އަންގާފައެއް ނުވެ އެވެ. އެހެންވެ އައިކޮމް އިން ނިންމީ ހައުސިނ މިނިސްޓްރީ 350 ރުފިޔާ އިން ޖޫރިމަނާ ކުރުމަށެވެ.

އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ޖަވާބު ދިނުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ.

”7 ނޮވެމްބަރު 2024 ގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން މި މިނިސްޓްރީ ޖޫރިމަނާ ކުރިކުރުމަކީ މި މިނިސްޓްރީގެ މުވައްޒަފެއްގެ އިހުމާލުން ހިނގާފައިވާ ކަމެއްކަމާއި، އެހެންކަމުން އެ މުވައްޒަފާ ދޭތެރޭގައި ސިވިލް ސާވިސް ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ ކަންކަން ކުރިއަށް ގެންދެވިފައިވާ ވާހަކަ ދަންނަވަމެވެ“ ހައުސިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަމާގުޅޭ އުސޫލުތައް ހަރުދަނާ ކުރުމުގެ މަސައްކަތްކޮށް، މިނިސްޓްރީގެ މަސައްކަތްތައް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އަދި ޖަވާބުދާރީ ކުރެވޭނެ ގޮތެއްގެ މަތިން ކުރިއަަށް ގެންދިއުމަށްޓަކައި މަސައްކަތް ކުރާ ކަމަށެވެ.