ސިއްރު ބައްދަލުވުމެއްގައި އޭސީސީ އާއި އީސީގެ 5 މެންބަރަކު ވަކިކުރަން ފާސްކޮށްފި

މަގާމުން ވަކިކުރަން ކޮމިޓީން ނިންމި އޭސީސީ އާއި އީސީގެ ފަސް މެންބަރުން (ކ-ވ): އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް އަދި މެންބަރު ތޯހާ އާއި އީސީގެ ނައިބު ރައީސް ނަޝާތު އަދި މެންބަރު ޑރ. ޒާހިރު އާއި އާސިފު

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ފަސް މެންބަރުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއަސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

މަޖިލީހުގެ މިނިވަން މުއަސަސާތަކާ ބެހޭ ކޮމިޓީން މިއަދު ސިއްރުކޮށްގެން ބޭއްވި ބައްދަލުވުމެއްގައި ވަކިކުރަން ނިންމެވި ބޭފުޅުންނަކީ އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް އަދި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދާއި އީސީގެ ނައިބު ރައީސް އަލީ ނަޝާތު އަދި އެ ކޮމިޝަންގެ މެންބަރުން ކަމަށްވާ ޑރ. މުހައްމަދު ޒާހިރާއި މުހައްމަދު އާސިފެވެ.

މީގެއިތުރުން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހު ވަކިކުރުމުގެ މައްސަލަ ވެސް މިއަދު ބެލި އެވެ. ނަމަވެސް ކޮމިޓީން ނިންމީ ނާސިހު ވަކިނުކުރުމަށެވެ.

މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުގައްރިރު އަދި މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް ވިދާޅުވި ގޮތުގައި އެ މެންބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ނުފޫޒަށް ލެނބުމާއި ސުލޫކީ ހަމަތަކާ ހިލާފުވެފައިވާ މައްސަލަތަކެއްގެ ތުހުމަތުގަ އެވެ.