ނޮވެމްބަރ 25, 2024

އާބާދީގައި 10،000 ހަމަކުރީ އޮޅުވާލައިގެން ކަމަށްބުނެ ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ކޯޓަށް

އާބާދީގައި 10،000 މީހުން ހަމަކުރީ އޮޅުވާލައިގެން ކަމަށް ބުނެ ގދ. ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައިކޯޓަށް ހުށަހަޅައިފި އެވެ.

ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާ ގާނޫނީ ވަކީލު މުހައްމަދު ރާގިބެވެ. އޭނާ އެ މައްސަލަ ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ހައިކޯޓުން އެ މައްސަލަ ބަލައިގަތުމާމެދު އަދި ގޮތެއް ނުނިންމަ އެވެ.

ރާގިބް ހުށަހެޅުއްވި އެ މައްސަލައިގައި ބުނެފައިވަނީ ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަވާކަން ދެއްކުމަށް އެ ރަށު ކައުންސިލުން ގެންގުޅެފައިވަނީ އޮޅުވާލައިފައިވާ ލިސްޓެއް ކަމަށެވެ. އެގޮތުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ހޯދި މައުލޫމާތުގައި ތިނަދޫގެ އާބާދީއަކީ ގާތްގަނޑަކަށް 7،000 މީހުން ކަމަށް މައުލޫމާތު ދީފައިވާ ކަމަށް ބުންޏެވެ.

އޭނާ އެ މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި ތިނަދޫ ކައުންސިލުން ގެންގުޅުނު ލިސްޓުގައި މަރުވެފައިވާ ގިނަ އަދަދެއްގެ މީހުންނާއި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ މީހުންގެ އިތުރުން އެއް ނަމެއް އަދި އެ މީހާގެ މަންމަ ނަމާއި ބައްޕަގެ ނަމާއި އާންމުނަން އަދި ގޭގެ އެޑްރެސް އެއްގޮތް ނަމަވެސް އައިޑީ ކާޑު ނަންބަރު ތަފާތު ގިނަ ބަޔަކު ތިބި ކަމަށް ބުންޏެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 30 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަކުންނެވެ.

Leave a Reply