ނޮވެމްބަރ 25, 2024

ކުރީ އެއް ތުހުމަތުތަކެއް؛ އެކަމަކު މަޖިލީހުން ވަކިކުރީ ނަޝާތުއާއި އާސިފް، ޒާހިރު ސަލާމަތްވެއްޖެ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަލީ ނަޝާތުއާއި ކޮމިޝަންގެ މެންބަރު މުހައްމަދު އާސިފް ކޮމިޝަނުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެ ދެ މެންބަރުންގެ އިތުރުން ކޮމިޝަންގެ މެންބަރު ޑރ. މުހައްމަދު ޒާހިރު ހިމެނޭ ގޮތަށް ތިން މެންބަރުން ވަކިކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ބޭއްވި ސިއްރު ބައްދަލުވުމުގައި އޮތީ ނިންމައިފަ އެވެ. ނަމަވެސް އެ ކޮމިޓީން މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓަށްފަހު ވަކިކުރީ ނަޝާތު އާއި އާސިފް އެކަންޏެވެ. ޒާހިރު ވައްކެއް ނުކުރި އެވެ.

ނަޝާތު ވަކިކުރަން އެ ވަގުތު ޖަލްސާގައި ތިއްބެވި 80 މެންބަރުންގެ ތެރެއިން 69 މެންބަރުން ވޯޓު ދެއްވި އިރު، އާސިފް ވަކިކުރަން ވޯޓު ދެއްވީ 68 މެންބަރުންނެވެ. އެ ދެ ބޭފުޅުން ވަކި ނުކުރާން ވޯޓު ދެއްވީ އެމްޑީޕީއަށް ނިސްބަތްވާ 10 މެންބަރުންނެވެ.

ނަމަވެސް ޒާހިރު ވަކިކުރަން ފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. އޭގެ ބަދަލުގައި އޭނާ ވަކިކުރަން ނުފެންނަ ކަމަށް 70 މެންބަރުން ވޯޓު ދެއްވި އެވެ.

ނަޝާތާއި އާސިފް އަދި ޒާހިރާ ގުޅިގެން ބެލި މައްސަލަތައް ތަހުގީގު ކުރުމަށްފަހު އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ އީސީގެ ޑޭޓާބޭސްއިން މައުލޫމާތު ނަގައިގެން ނަޝާތު އެޕްލިކޭޝަންތައް ހަދައި އެޕްލިކޭޝަން ވިއްކާ ކަމަށާއި އެ އެޕްލިލޭޝަންތަކުގެ އެކްސެސް ބައެއް ސިޔާސީ ޕާޓީތަކަށް ދީފައިވާ ކަމަށެވެ.

އަދި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ވަކި ސިޔާސީ ޕާޓީއަކަށް ކާމިޔާބު ކޮށްދިނުމަށާއި ރިޔާސީ އިންތިހާބުގައި ރީރެޖިސްޓްރޭޝަންގައި މަކަރު ހަދައި އޮޅުވައިލުމަށް ނަޝާތު އާއި ޒާހިރު އަދި އާސިފް މަސައްކަތް ކޮށްފައިވާ ކަމަށާއި އިލެކްޝަންސް ކޮމިޝަނުގައި ރައްކާ ކުރެވިފައިވާ ދިވެހި ރައްޔިތުންގެ މައުލޫމާތު އާންމު ފަރާތްތަކަށް ވިއްކައި އެއިން އެ ތިން މެންބަރުން މަންފާ ހޯދާފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެ އެވެ

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ނަޝާތާއި އާސިފް އަދި ޒާހިރު ވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ސޮއިކުރި މީހުންގެ ލިސްޓު އޭރުގެ ރައީސް އޮފީހުގެ އިސް ފަރާތްތަކަށް ފޮނުވައި އެ ޕާޓީ އުފެއްދުމުގެ މަރުހަލާގައި އެ ޕާޓީ އުފެއްދުމަށް ހުރަސް އެޅުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އަދި ގަސްތުގައި ވަކި ސިޔާސީ ޕާޓީއެއް އުވައިލުމަށް ވަގު ފޯމު ހަދައި އަމަލީގޮތުން މަސައްކަތް ކޮށްފައިވާކަމާއި އެ ޕާޓީގެ 3000 މެންބަރުން ހަމަވިޔަ ނުދިނުމަށްވެސް އެ ތިން މެންބަރުން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.