ނޮވެމްބަރ 27, 2024

ރޭސް ކާރު އެކްސިޑެންޓް: ކާރު ދުއްވި އިކްރާމް ކުށަށް އިއުތިރާފުވެއްޖެ

މިއަހަރުގެ މިދިޔަ ޖުލައި މަހުގެ 31 ގައި ހުޅުމާލޭ 2ގެ ވިނަރެސް ފްލެޓްތައް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ރޭސް ކާރު ދުއްވަންއިން އިބްރާހިމް އިކްރާމް އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް އިއުތިރާފުވެއްޖެ އެވެ.

އެ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި އައި ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް، މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން ހުރި މީހެއްގެ ގައިގައި ޖެހިގެންނެވެ.

އެކްސިޑެންޓުގައި ސައިކަލުގައި އިން މީހާ ވިއްސައިގެން ގޮސް ސީރިއަސް އަނިޔާތަކެއް ލިބުނުއިރު، އެ މައްސަލާގައި ކާރު ދުއްވި މީހާ އާއި އެ ވަގުތު ކާރުގައި ތިބި އިތުރު ދެ މީހަކު ހައްޔަރުކުރި އެވެ. އެއީ:

ހ. ނޫރަންމާގެއާގެ/ އިކްރާމުއްރަހްމާން
މ. ލޭންޑްއޮފްގާޑަން/ އިބްރާހިމް އިކްރާމް
ގއ. ކަނޑުހުޅުދޫ/ އާޒާދުގެ، ޖިނާހް އިސްމާއިލް

އެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވީ މިދިޔަ މަހުގެ 14 ގަ އެވެ.

އޭގެ ތެރެއިން އިބްރާހިމް އިކްރާމްގެ މައްޗަށް ދައުލަތުން ހަ ދައުވާއެއް ކުރި އެވެ. އެއީ އަނިޔާއެއް ދިނުމުގެ ދައުވާ އާއި ފަރުވާލެއް ނެތި ކުރި ކަމަކުން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުމުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުމުގެ ދެ ދައުވާއެއްގެ އިތުރުން އެކްސިޑެންޓްވުމުން ރިޕޯޓް ނުކުރުމުގެ ދައުވާ އަދި އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީ ފޯރުކޮށް ނުދިނުމުގެ ދައުވާ އެވެ.

މި މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ދައުލަތުން ވަނީ ތިން މީހުންގެ މައްޗަށް ވެސް ދައުވާ އިއްވައިފަ އެވެ. ދައުވާތަކަށް ޖަވާބުދާރީވާން ފުރުސަތު ދިނުމުން އިބްރާހިމް އިކްރާމްގެ ވަކީލް ވިދާޅުވީ އިކްރާމް ދައުވާތަކަށް އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފު އެއްބަސްވުމެއް ހަދަން ބޭނުންވެ އެކަން ހުށަހަޅާފައިވާނެ ކަމަށެވެ.

ދައުލަތުގެ ވަކީލް ވެސް ވިދާޅުވީ އިކްރާމްގެ އެ ހުށަހެޅުން ލިބިފައިވާ ކަމަށާއި އަދި އެއްބަސްވުމެއް ހެދުމާ މެދު ގޮތެއް ނިންމުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އެ އެއްބަސްވުން ހަދައި ނިމެންދެން ޝަރީއަތުގައި ދައުވާތަކަށް ޖަވާބުދާރީނުވެ މަޑުކުރަން އިކްރާމްގެ ވަކީލް އެދުނު ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް އެންގެވީ މިއަދުގެ އަޑުއެހުމުގައި ދައުވާތަކަށް ޝަރީއަތުގައި ވެސް ޖަވާބުދާރީވުމަށެވެ. އެ އެންގެވުމާ ގުޅިގެން ވަކީލް ވިދާޅުވީ އިކްރާމްގެ މައްޗަށް ކުރާ ހަ ދައުވާއަށް ވެސް އޭނާ އިއުތިރާފުވާ ކަމަށެވެ.

މައްސަލައިގައި ދެން ދައުވާކޮށްފައިވާ އިކްރާމްރަހުމާން އަދި ޖިނާހު ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ. އެހެންވެ އެ ދެ މީހުންނަށް ދިފާއުގައި ހެކި ހުށަހެޅުމަށް ފުރުސަތު ޝަރީއަތުން ވަނީ ދީފަ އެވެ.