ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރު ބޭންކުތަކަށް ބާރުކުރަންޖެހޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން އެކުލަވާލާފައިވާ ބިލުގައި ގެންނަ ފަހި ބަދަލުތަކާއެކު ޑޮލަރުގެ ތިޔާގިކަން ރައްޔިތުންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމްއެމްއޭއިން ރޭ އާންމުންގެ ހިޔާލަށް ހުޅުވާލި ”ބޭރުފައިސާއާބެހޭ ބިލް“ ގައި ވަނީ ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުން ހިދުމަތް ހޯދާ މީހުންގެ ބޮލަށް ވަކިވަރަކަށް ޑޮލަރު ރާއްޖޭގެ ބޭންކްތަކުގައި މާރުކުރަން ޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ރިސޯޓްތަކުން ހިދުމަތް ހޯދާ ޓޫރިސްޓުންގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމެވެ.
ރައީސް އެކްސްގައި މިއަދުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޑްރާފްޓު ބިލުގައި 500 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް އެމްއެމްއޭއިން ހިމެނުމަކީ ވަރަށް ރަނގަޅަށް ކުރިކަމެއް ކަމަށާއި އެކަމަށްޓަކައި އެމްއެމްއޭއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
”އަދި 17 ނޮވެމްބަރު 2024 ގައި އަޅުގަނޑު ދެންނެވި ފަދައިން ގަވައިދު ތަންފީޒުކުރުން ވަރުގަދަ ކުރުމަށްޓަކައި އެމްއެމްއޭއިން އިސްނަގައިގެން ބޭރު ފައިސާ އާއިބެހޭ ގާނޫނެއް ހެދިގެން ދިއުމަކީ މުހިއްމުކަމެއް. މި ޤާނޫނުގެ ސަބަބުން ރިސޯޓު ތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރު ކުރެވިގެންދާނެ.“ ރައީސް ވިދާޅުވިއެވެ.
”މި ފަހި ބަދަލުތަކުގެ ނަތީޖާއަކަށް ވެގެންދާނީ އާއްމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބިގެންދިއުން“
ފައިދާވާނެ ކަމަށް ރައީސް ފާހަގަ ކުރެއްވި ކަންކަން:
– ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން ގާއިމުކުރުން
– ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެގުނަކޮށް އެއަދަދު 1000 ޑޮލަރަށް 2026ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ހެދުން
– ކްރެޑިޓް ކާޑު ލިމިޓްތައް 2026ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ބޮޑުކޮށްދިނުން
– ދިވެހި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން އިތުރުކުރުން




ގުޅުންހުރި
އަޅުގަނޑުގެ މޭޔަރުކަމަށްފަހު މާލެ ސިޓީ ކައުންސިލަށް މަސައްކަތެއް ކުރެވިފައެއް ނެތް: ރައީސް
އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ގެދޮރުވެރިޔާ ފުލެޓުތަކަށް ވަދެވޭނެ: ރައީސް
އޭޕްރީލަށް ރަސްމާލެ ހިއްކައި ނިންމައިލެވޭނެ: ރައީސް
ރަސްމާލެއިން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 10،000
ރައީސް، ވިލިމާލޭ ރައްޔިތުންނާ މާދަމާ ބައްދަލުކުރައްވަނީ
ގެދޮރުވެރިކަމުގެ ރަން ޒަމާނޭ ވިދާޅުވެ 2 ބިލިއަން ހުސްކޮށްލި އިރު، ގާބުރިއެއް