އެންމެ ފުރަތަމަ ޒާރާ ފެނުމުން ވެސް ގަޔާވި، ކައިވެންޏަށް ޕްރޮޕޯސްކުރީ އަޅުގަނޑު: ސިޔާމް

ނެށުންތެރިޔާ އާމިނަތު ޒާރާ އެންމެ ފުރަތަމަ ފެނިވަޑައިގަތުމުން ވެސް އޭނާއާމެދު ވަރަށް ބޮޑަށް ގަޔާވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ”ފަށާއިރު“ ޕްރޮގްރާމަށް މިއަދު ދެެއްވި އިންޓަވިއެއްގައި ސިޔާމް ވިދާޅުވީ ޒާރާ އެންމެ ފުރަތަމަ ފެނުނީ ކޮންމެވެސް ތަނަކުން ކަމަށެވެ. އެއީ ކޮންތަނެއްކަން ހާމަކުރެއްވުމުގެ ބަދަލުގައި ސިޔާމް ނިންމެވީ އެކަން ސިއްރު ކުރެއްވުމަށެވެ.

”ޒާރާ ޕްރޮޕޯސްކުރީ ވެސް އަޅުގަނޑު“ ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އޭނާއަކީ އެއްވެސް ކަމެއް ސިއްރުގައި ކުރަން ބޭނުންފުޅުވާ މީހަކަށްނުވާތީ އެ ކައިވެނީގެ ކަންކަން ވެސް ކުރިއަށް ގެންދިޔައީ ވަރަށް ފާޅުގައި ކަމަށެވެ.

ޒާރާއާއި ސިޔާމް ކައިވެނި ބައްލަވައިގެންފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 10 ގަ އެވެ.

މޮރޮކޯ މީހަކާ ވެސް ކައިވެނި ބައްލަވައިގެން އުޅުއްވާ އުމުރުން 55 އަހަރުގެ ސިޔާމް އާއި 23 އަހަރުގެ ޒާރާގެ ކައިވެެނި ބައްލަވައިގަތީ ސިޔާމްގެ އޮޅުވެލިފުށި ރިސޯޓުގަ އެވެ. ޒާރާއަކީ ސިޔާމްގެ ދެވަނަ އަނބިކަނބަލުންނެވެ.

ކައިވެނީގެ ރަނުގެ ގޮތުގައި ކިޔާފައި ވަނީ ކިހާވަރެއް ކަމެއް ނޭނގެ އެވެ. މި ކައިވެނީގެ ރަނަކީ ގެސްޓްހައުސްއެއް ކަމަށް ބުނެ އަޑު ފެތުރުނު ނަމަވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޒާރާ ރަނުގެ ގޮތުގައި ކިއީ 2024 ރުފިޔާ އެވެ.

ރާއްޖޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގައި ހިމެނޭ ސިޔާމް މަޖިލީހަށް ހުށަހަޅުއްވާފައިވާ މާލީ ބަޔާނަކުން އެނގޭ ގޮތުގައި އަހަރެއްގެ ތެރޭގައި އޭނާއަށް ގާތްގަނޑަކަށް 35 މިލިއަން ޑޮލަރު ނުވަތަ 539 މިލިއަން ދިވެހި ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.