ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް ބޭރުގެ އެއްވެސް ފަރާތަކުން މިހާރު ވާހަކަ ނުދައްކާނެ: ޒަމީރު

ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް ބުނެ ބޭރުގެ އެއްވެސް ފަރާތަކުން މިހާރު އެ ވާހަކަތައް ނުދައްކާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ ރާއްޖެއިން ދައްކަން ޖެހިފައި ހުރި ހުރިހާ ދަރަންޏެއް ދައްކަން އޮތް މުއްދަތުގައި ދައްކަން އުޅެފި ނަމަ ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް އައިއެމްއެފްއިން ލަފާކުރި ކަމަށެވެ. ނަމަވެސް މިހާރު ދައުލަތުގެ ހަރަދުތައް ކުޑަކޮށް ބޭރުގެ ދަރަނިތައް ދެއްކުން ފަސްކޮށްގެން ބަނގުރޫޓުވުމުގެ ސިނާރިއޯއިން ސަލާމަތްވެފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.

”މިހާރު އަޅުގަނޑަކަށް ހިއެއް ނުވޭ އެއްވެސް ބަޔަކު ވާހަކަދައްކާހެނެއް، މިސާލަކަށް އިއްޔެ އައިއެމްއެފުން ވެސް ރޭޓިން އެޖެންސީތަކުން ވާހަކަދެއްކިއިރު ވެސް ބުނެފައި ހުންނާނެ ހަރަދު ކުޑަކުރާށޭ ހަރަދު ކުޑަކުރާށޭ، އެކަމަކު ރާއްޖެ ބަނގުރޫޓުވުމާއި އިންސޯލްވެންސީއަށް ދިޔުމާ ދޭތެރޭގައި ވާހަކަދެއްކުން މިހާރު ހުއްޓިއްޖެ“ ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގެންނެވިއިރު 124 ބިލިއަން ރުފިޔާގެ ދަރަންނެއް ދައުލަތުގެ އޮތް ކަމަށެވެ. އޭގެތެރެއިން ދެބައިކޮށްފައި އެއްބަޔަކީ މިދިޔަ ސަރުކާރުގެ ދަރަނި ކަމަށާއި އަނެއް ބަޔަކީ އޭގެ ކުރީހެ ސަރުކާރުތަކުގެ ދަރަނި ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

ނަމަވެސް މިދިޔަ އެއްް އަހަރު ތެރޭގައި ކުރެވުނު މަސައްކަތުން ރާއްޖެ ބަނގުރޫޓު ވާނެ ކަމަށް ބުނެ ބޭރުގެ ރޭޓިން އެޖެންސީތަކުން ދައްކަމުންދިޔަ ވާހަކަތައް ވެސް މިހާރު ހުއްޓިއްޖެ ކަމަށް ޒަމީރު ވިދާޅުވި އެވެ.