އެމްޑީޕީގެ ޖަލްސާއަށް މަސްވެރިންނަށް ދައުވަތު ދީފައިވަނިކޮށް ރައީސް ކެޔޮޅުންނާ ބައްދަލުކޮށްފި

އެމްޑީޕީން މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ބާއްވާ ބޮޑު ޖަލްސާއަށް މަސްވެރިންނަށް ދައުވަތު ދީފައިވަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކެޔޮޅުންނާ ބައްދަލު ކުރައްވައިފި އެވެ.

އެ ބައްދަލުވުން ބާއްވާފައިވަނީ މިއަދު ރައީސް އޮފީހުގަ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލުވުމުގައި މަސްވެރިކަމުގެ ސިނާއާތުގައި ރަނގަޅުކުރަން ބޭނުންވާ ކަންކަމާއި އެ ސިނާއަތުގައި ހުރި ކަންބޮޑުންވުންތައް ކެޔޮޅުން ރައީސްއާ ހިއްސާ ކުރި ކަމަށެވެ. އަދި މަހުގެ އަގު ދަށްކަމާއި ފައިސާއާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި މަސްކިރުމުގައި ހުރި ގޮންޖެހުންތައް ވެސް ކެޔޮޅުން ހިއްސާ ކުރި ކަމަށްވެސް ބުންޏެވެ.

ރައީސް އޮފީހުން ބުނީ، މިއަދުގެ ބައްދަލުވުމުގައި ޓެކްނޮލޮޖީގެ އެހީގައި މަސްވެރިކަމުގެ ސިނާއަތް ޒަމާނީ ފެންވަރުގައި ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާއި މަސްވެރިކަމުގެ މާކެޓް އިތުރުކޮށް، މަހުގެ ފެންވަރު ނުވަތަ ކޮލިޓީ ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ކެޔޮޅުން ރައީސްއާ މަޝްވަރާ ކުރެއްވި ކަމަށެވެ.

އަދި ސަރުކާރުން މަސްވެރިންނާއި ކެޔޮޅުންނާ ގާތުން، އެ މީހުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

”އަދި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަން، ވަރަށް ސީރިއަސް ގޮތެއްގައި ބައްލަވައި، އެ ކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިއަދު ކުރިއަށްދިޔަ ފަދަ ބައްދަލުވުންތައް ގިނަ ގިނައިން ބޭއްވެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވި އެވެ،“ ރައީސް އޮފީހުން ބުންޏެވެ.