މުސާރަތަކަށް މި އަހަރު 12.3 ބިލިއަން ހަރަދުކޮށްފި، މިދިޔަ އަހަރާ އަޅާބަލާއިރު 1.4 ބިލިއަން އިތުރު!

މުސާރަތަކާއި އެލަވަންސަށް ކުރި ހަރަދު މިދިޔަ އަހަރާ އަޅާބަލާއިރު 1.4 ބިލިއަން ރުފިޔާ އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ މަހުގެ 28އާ ހަމައަށް ނެރެފައިވާ ސަރުކާރުގެ ހަރަދާއި އާމްދަނީގެ ހިސާބުތަކުން ދައްކާ ގޮތުގައި ކެޕިޓަލް ކަންކަމަށް ކުރި ހަރަދު މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ ކުޑަވެފަ އެވެ.

އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ކެޕިޓަލް ހަރަދަށް 13 ބިލިއަން ރުފިޔާ ހަރަދުވި އިރު، މި އަހަރުގެ މިހާތަނަށް ކެޕިޓަލް ކަންކަމަށް ކުރި ހަރަދަކީ 12.7 ބިލިއަން ރުފިޔާ އެވެ. އެއީ 456 މިލިއަން ރުފިޔާގެ ކުޑަވުމެކެވެ.

އެކަމަކު، ރިކަރަންޓް ހަރަދު ނުވަތަ ދުވަހުން ދުވަހަށް ސަރުކާރު ހިންގުމަށް ކުރާ ހަރަދަށް ވަނީ 1.2 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.

އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 28އާ ހަމައަށް ރިކަރަންޓް ހަރަދު 28.8 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި ރިކަރަންޓް ހަރަދު ވަނީ 30 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.

ހިސާބުތަކަށް ބަލާއިރު ރިކަރަންޓް ހަރަދު އެންމެ ބޮޑަށް މައްޗަށް ޖެހި ހަރަދު އިތުރުވި ސަބަބަކީ މުސާރަތަކާއި އެލަވަންސަށް ކުރާ ހަރަދުތައް އިތުރުވުމެވެ.

އެގޮތުން މި އަހަރު 12.3 ބިލިއަން ރުފިޔާ މުސާރަތަކަށް ވަނީ ހަރަދުކޮށްފަ އެވެ. މިދިޔަ އަހަރު އެ ހަރަދު އުޅެނީ 10.9 ބިލިއަން ރުފިޔާގަ އެވެ. އެހެންކަމުން މިދިޔަ އަހަރާ އަޅާބަލާއިރު މުސާރަތަކަށް މި ވަނީ 1.4 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.