ޑިސެމްބަރ 12, 2024

ނަމާދަކީ ދުނިޔެވީ ގޮތުން ކުރާން ހުރި ހުރިހާ ކަމެއް ނިމުމުން ކުރާ ކަމެއްކަމުގައި ނުދެކޭށެވެ!

ނަމާދަކީ ދުނިޔެވީ ގޮތުން ކުރާން ހުރި ހުރިހާ ކަމެއް ނިމުމުން ކުރާ ކަމެއްކަމުގައި ނުދެކުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

”އަވަދިނެތިވުމަކީ ނަމާދު އެޅުމަށް އޮތް އުޒުރެއް ނޫން“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، އިސްލާމްދީނުގެ ތަނބުކަމުގައިވާ ނަމާދަކީ ކޮންމެ މުކައްލަފަކު ކުރުން ވާޖިބުވެގެންވާ އަޅުކަމެއް ކަމަށާއި އެއީ ރަށުގައި ގާއިމުވެހުރި މީހާއާއި ދަތުރެއްގެމަތީގައިވާ މީހާއާއި ބަލި ތަންމަތީގައި އޮންނަ މީހާ ވެސް ކުރާން އަންގަވައިފައިވާ އަޅުކަމެއް ކަމަށެވެ. އަދި އެ އަޅުކަން ނުކުރެވޭނެ ހަމައެކަނި ހާލަތަކީ ތިމާގެ ބުއްދި ފިލައިދިއުން ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، އަޅާގެ އަމަލުތަކުގެ ތެރެއިން ގިޔާމަތްދުވަހު އެންމެ ފުރަތަމަ ސުވާލުކުރެއްވޭނީ ނަމާދާ މެދުގައި ކަމަށާއި އެހެންކަމުން އެ މަތިވެރި އަޅުކަމަށް އަހަރެމެން ވަގުތު ހުސްކުރަން ޖެހެނީ، ދުނިޔެވީ ގޮތުން ކުރާން ހުރި، ހުރިހައި ކަމެއް ނިމުމުން، ކުރާ ކަމެއްކަމުގައި އެއްވެސް ހާލެއްގައި ދެކިގެންނުވާނެ ކަމަށެވެ.

މުސްލިމެއްގެ ހައިސިއްޔަތުން ތިމާ އެންމެ ބޮޑަށް އިސްކަން ދޭންޖެހޭނީ ނަމާދަށްކަން ފާހަގަކޮށް ހުތުބާގައި ބުނީ މިއަދު ގިނަ މީހުން ދުނިޔެވީ ކަންކަމުގައި މަޝްޣޫލުވެ ނަމާދާ މެދު ގާފިލުވެ ތިބޭ ތަން ފެންނަ ކަމަށެވެ. އަދި މަސައްކަތުގައި އަވަދިނެތި އުޅުމަކީ ތިމާ ނަމާދުތަކަށް ފަރުވާކުޑަކުރާން ޖެހޭ ސަބަބެއް ނޫން ކަމަށާއި ދިރިއުޅުމުގެ ބޭނުން ފުއްދުމަށްޓަކައި ކޮންމެ ފަދަ މަސައްކަތެއް ކުރިކަމުގައި ވިއަސް ނަމާދު ވަގުތު ޖެހުމުން އެ ނަމާދުކުރާން އަވަސްވެގަންނާން ޖެހޭ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، ބައެއް ބާވަތުގެ މަސައްކަތުގައި އުޅޭންޖެހޭ ގޮތުން މިސްކިތުގެ ޖަމާއަތަށް ހާޒިރުވުމަށް ދަތިތަކެއް ހުރެދާނެ ކަމަށާއި އެ ފަދަ މީހުންނަށް އޮތީ އެ ތިބި ތަނެއްގައި ތިބެ ނަމާދުކުރުން ކަމަށެވެ. އަދި މިސްކިތު ޖަމާއަތަށް ހާޒިރު ނުވެވުމަކީ ނަމާދު އެޅުމަށް އޮތް އުޒުރެއް ނޫން ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ، ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްކަމުގައި ވީހިނދު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް މިސްކިތްތައް ގިނަވިޔަސް ހިތާމައަކީ އެ މިސްކިތްތަކަށް އަރައި ނަމާދުކުރާ މީހުންގެ އަދަދު މަދުވުން ކަމަށެވެ. އަދި ރީތި މިސްކިތްތަކެއް ކިތަންމެ ބައިވަރު އަދި ކައިރިކައިރީގައި ބިނާކުރެވުނަސް އެ މިސްކިތްތަކުގެ ފަޅުފިލުވާން އަރާނެ ބަޔަކު ނުވާ ނަމަ އެއީ އަހަރެމެން އެ ކަމާ ބިރުގަންނާން ޖެހޭނެ ކަމެއް ކަމަށް ބުންޏެވެ.